މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނަށް ދޭ ފަރުވާ ފުރިހަމަ ނުކުރަނީސް، ފަރުވާ ފުރިހަމަވި ކަމުގެ ލިޔުން ދޫކޮށް، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މުވައްޒަފުންތަކެއް ފައިސާ ނަގައި ލޯންޑާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާ އެކު އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވާހަކަ ދައްކަވަމުން ވިދާޅުވީ، ފަރުވާ ފުރިހަމަ ކުރިތޯ ބަލަން އެންޑީއޭ އިން ހަދާ ޓެސްޓްތަކުގެ ނަތީޖާ އޮޅުވައިލައިގެން މީހުން ދޫކުރާ ކަމަށެވެ. އެގޮތުން މި ފަދަ ކަންކަން ހިންގާ އިރު ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އެންޑީއޭގެ އިސް މުވައްޒަފުންތަކެއް ހިމެނޭ ކަމަށާއި ދެ މުވައްޒަފެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ނަވީން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ލިޔެކިއުންތައް ހޯދައި މުރާޖައާކުރަމުން އަންނަ ކަން ހާމަ ކުރައްވަމުން ނަވީން ވިދާޅުވީ، މި މައްސަލައަކީ ނެޝަނަލް ޑްރަގް އެޖެންސީން ދެމުންދާ ފަރުވާގެ އެސެސްމެންޓް ރިވިއުކުރުމުގައި އެޖެންސީގެ ބައެއް އިސް މުވައްޒަފުންނާއި އިތުރު ބަޔަކު ގުޅިގެން ކުރާ ކަމެއް ކަމަށެވެ. އެގޮތުން އެންޑީއޭ ލެބޯޓްރީން ހަދާ ޓެސްޓްތައް ނަތީޖާ އޮޅުވާލައި، ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން ފަރުވާ ފުރިހަމަކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް، އަދި ފަރުވާ އަދި ފަރުވާ ފުރިހަމަކުރަން ޖެހޭ މުއްދަތު ކުރުކޮށް މުޖުތަމައު ތެރެއަށް ދޫކޮށްލާފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ. އަދި ފަރުވާ ފުރިހަމަ ކުރަން ޖެހޭ މީހުން އަތުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހޯދައި ގިނަ އަދަދެއްގެ ފައިސާ ލޯންޑާކުރިކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުން މިހާރު ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ދިރިއުޅޭތަން ބަލައި މާލޭގައި އެންޑީއޭ ހިންގަމުންދާ ތަންތަން ބަލައި ފާސްކޮށްފައި ކަމަށެވެ. އެ މައްސަލާގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަކާއި އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީޙަކު ހައްޔަރު ކުރިކަން ނުވަތަ ނޫން ކަން ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހު އެކަމަށް ހާއްސަކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އޭގައި އެންޑީއޭ މައްސަލައިގެ ތަފްސީލު ދޭނެ ކަމަށް ނަވީން ވިދާޅުވިއެވެ.