ރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބީސީސީން އިމާރާތްކުރާ ކްރިއޭޓާ ހަބް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރޭ ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމދު ސައީދެވެ.
އެ މަސައްކަތް ފައްޓަވައިދެއްވާ ސައީދު ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް މަސައްކަތް ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައި ކަމަށެވެ. އަދި ރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަކީ ރައީސް ހާއްސަ އިސްކަމެއް ދެއްވާ މަސައްކަތްތެއްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ސައީދު އިތުރަށް ވަނީ އެ ހަބުގައި ފަންނުވެރިންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ލިބެން ހުންނާނެ ކަމަށް ވިދާޅުވެފައެވެ.
"ކްރިއޭޓާ ހަބް" އަކީ ރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ ކްރިއޭޓާ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށް ކަމަށް ބީސީސީއިން ބުނެއެވެ.
"ކްރިއޭޓާ ހަބް"ގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ބީސީސީން ދަނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުންނެވެ.
އެ މަޝްރޫއަކީ 1500 އަކަފޫޓުގެ ޖާގައެއްގައި ގާއިމުކުރުމަށް ނިންމާފައިވާ ކްރިއޭޓާ ހަބްގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި އެތަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ބިޒްނަސް ސެނޓަރ ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާ ފައިސާ ސަރުކާރުގެ ކުންފުންޏެކެވެ.