އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި އުފައްދާ ބަންދުކުރާ ކާބޯތަކެއްޗަށް ލޯގޯ ދޫކުރުން ހުއްޓާލައި، އެފަދަ ފަރާތްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ދަފްތަރުވުމަށް ހުޅުވާލައިފިއެވެ.

ފެބްރުއަރީ 19، 2024 ގައި ތައާރަފުކުރި "އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދާ ބަންދުކުރާ ކާބޯތަކެއްޗަށް ލޯގޯ ދޫކުރުމުގެ އުސޫލު"އަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގާނޫނު ތަންފީޒު ކުރަން ފެށުމާ ގުޅިގެން ގެނައި ބަދަލެއްގެ ގޮތުގައި ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން މޯލްޑިވްސް (ބީސީސީ)އިން ބުނެއެވެ.

ބީސީސީއިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގާނޫނުގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް އެމްއެފްޑީއޭގައި ދަފްތަރުކުރާ ގޮތަށް ހަމަޖެހިފައިވުމުގެ ސަބަބުން ބީސީސީގެ "އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދާ ބަންދުކުރާ ފަރާތްތަކުގެ ދަފްތަރު" މިހާރު އުވާލާފައިވާ ކަމަށެވެ.

ބީސީސީއިން މި ނިންމުން ނިންމާފައިވަނީ އެފަދަ މަސައްކަތް ކުރާ ފަރާތްތަކުން ހިދުމަތް ހޯދުމަށް ޓަކައި ފޯމު ހުށަހެޅުމުގެ މަރުހަލާގައި އިތުރު ހަރުފަތެއް ގިރާކުރަން ނުޖެހި، ހިދުމަތް ހޯދުމުގައި އެންމެ ލުއި ފަސޭހަ ވާނެ ގޮތަކަށް އުސޫލު ބައްޓަން ކުރުމުގެ ގޮތުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމުކުރި "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު"ގައިވާ ގޮތަށް އެ އޮތޯރިޓީން ހިދުމަތް ހޯދުމަށް ރަޖިސްޓާ ކުރަން ޖެހޭނީ މިހާރުވެސް އަމަލު ކުރަމުންދާ ގޮތަށް "ދިރިތި" ޕޯޓަލް މެދުވެރި ކޮށެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބީސީސީއިން ބުނެއެވެ.