ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް، އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ސާމިހް އާދަމް ވިދާޅުވެއްޖެއެވެ.

ސާމިހް އާދަމް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބީސީސީއިން އިމާރާތްކުރާ ކްރިއޭޓާ ހަބް އިމާރާތުގެ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސާމިހް ވިދާޅުވީ، ކްރިއޭޓާ ހަބާއެކު ފަންނުވެރި އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ. އަދި ކްރިއޭޓާ ހަބްގެ ސަބަބުން މި ދާއިރާއިން ގާބިލު ޖީލެއް އުފެދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައި ތަރައްގީވެގެން ދާނެ ކަމަށެވެ.

ކްރިއޭޓާ ހަބްވެގެންދާނީ ފަންނީ އަދި އީޖާދީ މަސައްކަތްތެރިކަމުގައި އުޅޭ ފަރާތްތަކަށް އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭނެ ފަދަ މާހާއުލެއް ޒަމާނީ އާލާތްތަކާއި ވަސީލަތްތަކާއެކު ގާއިމު ކުރެވޭ ހަބަކަށް ކަމަށް ސާމިހް ވިދާޅުވިއެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިޒްގެ އިގްތިސޯދީ ތަސައްވުރުގެ ތެރެއިން ކްރިއޭޓިވް އިކޮނޮމީއެއް ގާއިމް ކުރުމުގެ ގޮތުން ކުރެވޭ އުމްރާނީ މަސައްކަތުގެ ފެށުން ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ކްރިއޭޓަރ ހަބަކީ ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ސަރުކާރުން ކުރާމުންދާ މަސައްކަތުގެ ދަށުން ބީސީސީއިން ގާއިމްކުރާ ހަބެކެވެ. މިތަން އިމާރާތްކުރަމުންދަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23ގައެވެ.

ކްރިއޭޓާ ހަބްގެ އިމާރާތުގެ މަސައްކަތް ކުރަމުންދަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 1500އަކަފޫޓުގެ ޖާގައެއްގައި ގާއިމުކުރުމަށް ނިންމާފައިވާ ކްރިއޭޓާ ހަބް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.