ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގުދަން އިމާރާތެއް އަޅަން ބިޒްނަސް ކޯޕަރޭޝަން ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވައިލައިފިއެވެ.

ބީސީސީ އިން ބުނީ މިއީ ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މުދާ ގުދަން ކުރުމުގެ ފަހި ފުރުސަތު ހޯދައިދިނުމަށް ޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ޓަކައި ބީސީސީ އިން ކަނޑައަޅައިފައި ވަނީ ޕާޓްނާޝިޕް އުސޫލުން، ކޮންޓްރެކްޓާ ފައިނޭންސިން، ޖޮއިންޓް ވެންޗާ ނުވަތަ ލީސް މޮޑެލް ހިމެނޭ ގޮތަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި އިމާރާތުގެ މަސައްކަތް ކުރަން އެދި ޝައުގުވެރިކަން ފާޅު ކުރާއިރު، ފަރުމާ، އިންޖިނިއަރިން، ކޮންސްޓްރަކްޝަން އަދި ފެސިލިޓީ ހިންގާނެ ގޮތުގެ ތަފްސީލު ހުށަހަޅަންވާނެ ކަމަށް ބީސީސީއިން ވަނީ ބުނެފައެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްގައި އެ ފަރާތްތަކުން ހުށަހަޅާ ޕާޓްނާޝިޕް އުސޫލު ކަނޑައަޅަން ވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ބީސީސީއިން އިތުރަށް ބުނީ ކުދި ވިޔަފާރިތަކަށް ބޭނުންވެފައިވާ ލޮޖިސްޓިކަލް ސަޕޯޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރާ މި އިމާރާތް އަޅަން ހަމަޖެހިފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ.