ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ނެރުނު ފުރަތަމަ ފީޗާ ފިލްމު "ފުރޭތަ" ރޭ އޮލިމްޕަހުގައި ޕްރިމިއާކޮށްފިއެވެ.
ފިލްމު ޕްރިމިއާކުރަން ބޭއްވި ހާއްސަ ހަފްލާގައި ފިލްމުން ފެނިގެންދާ ގިނަ ތަރިންނާއި ފިލްމަށް ލަވަކިޔައިދިން ފަންނާނުންގެ އިތުރުން ފިލްމުގައި މަސައްކަތްކޮށްފައިވާ ބައިވެރިން ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ. ފިލްމުގެ ސްކްރީން ރައިޓަރު އަހްމަދު ތޮލާލު ބުނީ މި ފިލްމަކީ "ފުރޭތަ" އެއް އުޅޭ ފިލްމެއް ކަމަށާއި ފިލްމުގައި ކިޔައިދޭނީ ބަދަލުހިފުމުގެ ވާހަކަ ކަމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު މި ފިލްމަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ގަދަޔަށް ފިޔަޖަހާ ޝަރަފް އަބްދުﷲގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. މި ފިލްމު ވާހަކަ 2019 ވަނަ އަހަރު ނިންމައި ޝަރަފް އަށް ހުށައަޅައި ޝޫޓްކުރަން ނިންމި ނަމަވެސް ކޮވިޑްގެ ނުރައްކާ ކުރިމަތިވެ ފިލްމުގެ ޝޫޓިން ފަސްވިއެވެ. މި ފިލްމަކީ ޝަރަފް އަށް އޭނާގެ ފިލްމީ ކެރިއަރުގައި ލިބުނު ފުރަތަމަ ލީޑު ކުޅެން ލިބުނު ފިލްމެވެ.
ބަދަލު ހިފުމާއި އިންސާފުގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑު ތަރިއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ތަރި ޝަރަފް އަބްދުﷲއެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ.
"ވާއު، ފިލްމު ހަމަ ވަރަށް ރީތި. ވަރަށް އަނިޔާވެރި މަންޒަރުތައް ފެނިގެންދިޔަ. ބަލަން ނުކެރިގެން ލޯ މަތީ އަތްވެސް އަޅާލަންޖެހުނު. އެހާވެސް މޮޅު ފައިޓިން ސީންތައް،" ފިލްމު ބެލުމަށްފަހު ނުކުތް މީހަކު ބުންޏެވެ.
ފިލްމާ ގުޅޭގޮތުން ޒުވާނަކާ ސުވާލުކޮށްލުމުން އޭނާ ބުނީ އޭނާއަށް ވެސް އެންމެ ކަމުދިޔައީ ފައިޓިން ސީންތައް ކަމަށާއި އިމާރާތުގައި ރޯވެ، ގޮވި ޝޮޓް ވަރަށް ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ޝަރަފްގެ އެކްޓިން އާ މެދު ބުނާނެ އެއްޗެއް ނެތް ކަމަށްވެސް އެ ޒުވާނާ ބުންޏެވެ.