ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފެނަކަ އޮތީ 4.3 ބިލިއަން ރުފިޔާ އިން ދަރުވާލާފައި ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މުއާޒު މިފަދައިން ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ބ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ގައި ކެންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެެއްވުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުންނެވެ.

މުއާޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބޮޑެތި ހިޔާނާތްތައް ހިންގާފައިވާކަމަށާއި، ކުންފުނީގެ ހާލަތަށް ބެލުމެއް ނެތި ހިތުހުރި އަދަދަކުން މުވައްޒިފުން ގެންދިޔައީ ނަގަމުންކަމަށެވެ. ކުންފުނީގެ އާމްދަނީ މަހަކު ހުރީ 120 މިލިއަން ރުފިޔާގައިކަމަށާއި ނަމަވެސް އޭގެ ތެރެއިން 86 މިލިއަން ރުފިޔާ ހޭދަ ކުރަމުން އައީ ކުންފުނީގައި ތިބި 8،000 ވުރެ މުވައްޒިފުންގެ މުސާރައަށް ކަމަށެވެ.

މުއާޒު ވިދާޅުވީ ދުވަހަކުވެސް އެއްވެސް ބަޔަކު މިފަދައިން ކުންފުންޏެއް ހިންގާފައި ނުވާކަމަށާއި، މިދިޔަ ސަރުކާރުގެ ވެރީންގެ އަމަލުތައް ހުރި ގޮތުން ފެނަކަ ކޯޕަރޭޝަން ގިނަ ބަޔަކަށް އެނގެނީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މުއާޒް ވަނީ ފެނަކައިގެ ހިދުމަތް 157 ރަށުގައި ދޭކަމަށާއި، ނަމަވެސް ކުންފުނީގެ ސާވިސް ސެންޓަރެއް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. މުއާޒް ވިދާޅުވި ގޮތުގައި ފުލްފްލެޖް ސާވިސް ސެންޓަރެއް ހަދަން ހަރަދުވަނީ 60 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮންމެ އަހަރަކު އޭގެ ދެ ގުނަ ފައިސާ ދިޔައީ ސާވިސް ކުރުމުގެ ނަމުގައި ހަރަދު ކުރަމުންނެވެ.

މުއާޒު ވިދާޅުވީ ފެނަކައިގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށާއި، އެކަމަށްޓަކައި ހަރަދު ކުޑަކޮށް ކޮރަޕްޝަނާއި ފަސާދައަށް ހުރި ހުރިހާ މަގެއް ބަންދު ކުރާނެ ކަމަށެވެ.