އެހީ ފޯރުކޮށްދިނުމަށް ގާޒާގައި ހަރަކާތްތެރިވަމުންދާ ޓްރަކްތަކަށް ހަމަލާދޭތީ، ގާޒާގެ އެތެރޭގައި ބޮޑެތި ޓްރަކްތަކުގައި އެހީ ފޯރުކޮށްދިނުން މަޑުޖައްސާލާފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ބުނެފިއެވެ.

އައިއޭސީއިން ބުނީ އެގޮތަށް ނިންމާފައި ވަނީ ސްޓާފުންނާއި ވޮލަންޓިއަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެއްވެސް އެހީގެ ޓްރަކަކަށް މިހާރު ރައްކާތެރިކަމެއް ނެތްކަން އައިއޭސީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ބޮޑެތި ޓްރަކްތަކުގައި އެހީ އުފުލުން ހުއްޓާލިނަމަވެސް ގާޒާގެ ތެރެއިން ލިބެން ހުރި ތަކެތިން އެހީ ފޯރުކޮށްދިނުން ކުރިއަށްދާނެ ކަމަށް އައިއޭސީއިން ބުނެއެވެ.

އެގޮތުން ބަލާއިރު، އެހީ ފޯރުކޮށްދިނުމަށް ގާޒާއަށް (ދެއިރް ބަލަހް) ދިޔަ ޓްރަކްއަކަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފައިވާ ކަން އައިއޭސީއިން ވަނީ ފާހަގަކޮށްފައެވެ. އެ އެހީގެ ޓްރަކަކީ ކިރިޔާވެސް ރައްކާތެރި ހިސާބެއް ކަމަށް ބެލެވިފައިވާ ދެއިރް ބަލަހް އަށް ދަތުރު ކުރަމުން ދިޔަ ޓްރަކެއް ކަމަށް އައިއޭސީއިން ބުނެއެވެ.

އައިއޭސީއިން ބުނީ އެއީ ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާ އާއްމު ރައްޔިތުން ތިބި ޓްރަކްއެއް ކަމަށެވެ. އަދި އެއީ ކާބޯތަކެތި އުފުލަމުން ދިޔަ ޓްރަކެއް ކަމަށާއި ޓްރަކްއަށް ދިން ހަމަލާގައި 9 ވޮލަންޓިއަރުން ޝަހީދުވެފައިވާ ކަމަށެވެ.

އައިއޭސީއިން އިތުރަށް ބުނީ އެއީ އައިއޭސީގެ އެހީގެ ޓްރަކެއް ނޫން ކަމަށާއި އެއީ އައިއޭސީގެ ޕާޓްނާ ޖަމިއްޔާއެއްގެ އެހީގެ ޓްރަކެއް ކަމަށެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނަށް ހަމަލާ ދެމުންދާތާ 5 މަސްދުވަސްވެފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 70،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.

ގާޒާގެ ރައްޔިތުންނަށް އިޒްރޭލުން ޖައްސަމުންދާ އަހުވަ އަކީ މި ގަރުނުގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާ ހިންގާ އެންމެ ބޮޑު ލާއިންސާނީ އަނިޔާއެވެ. ކާބޯތަކެެއްޗާއި ބޯފެނާއި، ބޭސް ގާޒާއަށް ލިބުން ހުއްޓުވައި އެތައް މިނިލިއަން ބަޔަކު ވަނީ ބަނޑަށް ޖައްސާފައެވެ. އެހީ ހިފައިގެން ރަފާހް ބޯޑަރަށްދާ ޓްރަކްތައް ވެސް ގާޒާއަށް އެތެރެވިޔަ ނުދީ އިޒްރޭލްގެ ސިފައިން ވަނީ ހުއްޓުވާފައެވެ.