20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްވުމާ ގުޅިގެން، ވޯޓުލެވޭ މީހުންގެ ލިސްޓަށް އިތުރުވި މީހުންގެ ނަންތައް ހިމަނައި އާ ލިސްޓު އާންމުކޮށް، ރީރަޖިސްޓްރީވުމަށް މި މަހުގެ 14 ގައި ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. އެ ތާރީހު ދިމާވަނީ ރަމަޟާން މަހުގެ ހަތްވަނަ ދުވަސް، އަދި ސަރުކާރާއި އާންމު އިދާރާތައް ހުޅުވިފައިވާ ދުވަހަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިހާބެއް ބާއްވާ ތާރީހު ރަމަޟާން މަހާ ދިމާވާ ނަމަ، ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސްފައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 27 ގައި މަޖިލީހަށް ބިލު އަނބުރާ ފޮނުވާލުމުން، ދެވަނަ ފަހަރަށް ވެސް މަޖިލީހުން އެ ބިލު ފާސްކުރުމުންނެވެ.

އެއީ ގާނޫނުއަސާސީގައިވާ ގޮތުން، ބިލެއް ތަސްދީގުނުކޮށް މަޖިލީހަށް އަނބުރާ ފޮނުވާލުމުން ދެވަނަ ފަހަރަށް އެ ބިލެއް ފާސްކޮށްފިނަމަ، އެ ބިލު ތަސްދީގުކުރަން ރައީސަށް ލާޒިމްކުރާތީއެވެ.

ވުމާއެކު، އިންތިހާބު ބާއްވާނެ އާ ތާރީހަކީ އަންނަ މަހުގެ 21 ވަނަ ދުވަހެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ އަމީންއާންމު ހަސަން ޒަކަރިއްޔާ ވަނީ، އިންތިހާބު ބާއްވާ ތާރީހު ބަދަލުވުމާ ގުޅިގެން އައި ބައެއް ބަދަލުތައް ހިއްސާކުރައްވައިފައެވެ. ހަސަން ވިދާޅުވި ގޮތުގައި:

  • ވޯޓުލެވޭ މީހުންގެ ލިސްޓަށް އަލަށް އިތުރުވި 560 މީހުންގެ ނަންތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާނެ
  • އެއަށް ފަހު އާ ލިސްޓު ގެޒެޓުކޮށް ރީރެޖިސްޓްރޭޝަނަށް މި މަހުގެ 14 އިން 17 އަށް ހުޅުވާލާނެ
  • އެ މުއްދަތުގައި ބޭރު ގައުމުތަކުގައި ވެސް ރެޖިސްޓްރީވުމަށް ހުޅުވާލާނެ

ހަސަން ހާމަކުރެއްވި މައުލޫމާތުގައިވާ ގޮތުން، ބޭރު ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަދަދު ކަމަށްވާ 150 މީހުން ހަމަވަނީ މެލޭޝިއާ އާއި އަވަށްޓެރި ސްރީލަންކާގައެވެ. އޭނާ ވިދާޅުވީ، ރީރެޖިސްޓްރޭޝަނަށް ހުޅުވާލާ މުއްދަތުގައި އެހެން ގައުމުތަކުގައި ވެސް 150 މީހުން ހަމަވާ ނަމަ، އެ ތަންތަނުގައި ވެސް ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ.

މީގެ އިތުރުން ރަމަޟާން މަސް ނިމޭތާ ތިން ދުވަސް ފަހުން، ވޯޓުލާ މަރުކަޒުތަކުގެ ވެރިންނާއި އޮފިޝަލުންނަށް ތިން ގަޑިއިރުގެ ރިފްރެޝާ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ލިސްޓުގައިވާ ގޮތުން:

  • ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވޭ
  • 560 މީހުން އިތުރުވުމުން ވޯޓުލުމުގެ ހައްގު 284،897 މީހަކަށް ލިބިގެންވޭ