ރޯދައަށް ދޭ ހަނޑުލާއި ފުށް އަންނަ ހަފްތާގައި ކައުންސިލްތަކާ ހަވާޅުކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކުރިންވެސް ވައިދިވެވަޑައިގެންފައި އޮތް ގޮތަށް މި ފެށޭ ރޯދަމަހު ކޮންމެ ގޭބިސީއަށް ފުށް ބަސްތާ އަކާއި ހަނޑު ބަސްތާއެއް ދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެގޮތުން އަންނަ ހަފްތާގައި އެސްޓީއޯ މެދުވެރިކޮށް ކައުންސިލަތްކަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރުމަށެވެ.

"އަޅުގަނޑުމެން ވާނީ ތުރުކީއާ އެކީގައި އެބަސްވެފައި މިހާރު. ހަނޑޫ ހަކުރު ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ވާވަރަށް ވުރެ އިތުރަށް 10 ޕަސެންޓް ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި، މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި، ފެބްރުއަރީ މަހު އަންނާނެ." ރައީސް ވިދާޅުވިއެވެ.

މިއީ ރޯދަމަހާ ދިމާކޮށް ހަނޑުލާއި ފުށް ބަހާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިގެ އިތުރުންވެސް ކަންކަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ އަމިއްލަ ފައި މައްޗަށް ބަރޯސާ ވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އިންޑިއާ އިން ބޭރުން ތުރުކީން ހަނޑޫ, ހަކުރު, ފުށް ރާޢްޖެއަށް ގެނައުމަށް ނިންމާ އެކަން އިއުލާން ކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ތުރުކީން ހަނޑުލާއި ހަކުރު އަދި ފުށް އެތެރެ ކުރަން އޯޑަރު ދީފައި ވީނަމަވެސް މިހާރު މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ތުރުކީ ޝިޕްމަންޓު އައުން ވަނީ ލަސްވިއެވެ. ނަމަވެސް ރައީސް ވިދާޅުވީ, އެސްޓީއޯއިން ކާޑުގެ ބާވަތްތައް ގެނެސް "ހަދިޔާ" އެއްގެ ގޮތުގައި ހަނޑުލާއި ފުށް ދޭނެ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ އެއީ "ރަމްޒީ އެއްޗަކަށް ވީ ނަމަވެސް އެ ވާނީ ލުޔަކަށް" ކަމަށާއި ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ބަސްތާ ލިބޭނެ ކަމަށެވެ.