21 އޭޕްރީލްއަށްވުރެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ލަސްކޮށްފިނަމަ، މިހާރު އޮތް ރައްޔިތުންގެ މަޖިލިސް އުވެން ވާއިރަށް އާ މަޖިލިސް ނުހޮވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދް ތައުފީގު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުއާދު ވިދާޅުވީ އޭޕްރީލް 21އަށްވުރެ މަޖިލިސް އިންތިހާބު ލަސްކޮށްފި ނަމަ، ގާނޫނުގައިވާ މިހާރު އޮތް މަޖިލިސް އުވުމުގެ 1 މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމީ އެއީ ރަމަޟާން މަސް ނިމުމަށްފަހު 10 ދުވަސް ދޫކޮށް އަންނަ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހާ ދިމާވާތީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ފާސްކުރުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުބަހު އެ ބިލް ތަސްދީގު ކުރައްވާފައެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

ރަސްމީ ދުވަހެއްގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މަޖިލިސް އިންތިހާބު ރަސްމީ ދުވަހެއްގައި ބާއްވުމަށް ހަމަޖައްސާފައި ވަނީ ރައީސް މުއިއްޒުގެ ނުފޫޒުން ކަމަށެވެ.

އިންތިހާބު ބާއްވާ ދުވަސް އިއުލާން ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ކަމުގައި ވިޔަސް އެ ނިންމުމަށް ރައީސް މުއިއްޒުގެ ނުފޫޒު އޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެއީ ސަރުކާރު ބަންދު ނޫން ދުވަހެއްގައި އިންތިހާބު ބާއްވަން ކުރި ކަމެއް ކަމަށާއި މުއިއްޒުގެ ނުފޫޒަށް ތަބާ ނުވުމަށް އީސީއަށް ރައީސް ސޯލިހް ވަނީ ގޮވާލައްވާފައެވެ.