ކައުންސިލުތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް އެހެން ސިވިލް ސާވިސް މުވައްޒަފުންނެކޭ އެއްގޮތަށް ކިޔެވުމުން ދޭ މުސާރަ އާއި އިނާޔަތުގެ ކުރިއެރުންތައް ދެވޭ ގޮތަށް ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެންނަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި ނ. މަނަދޫ ކައުންސިލު އިދާރާގެ މުވައްޒަފެއް ކަމަށްވާ އައްޒާ އަބްދުލްޣަފޫރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވަނީ ކައުންސިލު އިދާރާތަކާއި ހިލާފަށް އެހެން އިދާރާތަކުގައި ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން އެމީހުންނަށް މުސާރަ އާއި އިނާޔަތްތައް އިތުރުވިޔަސް އެ ފުރުސަތު ކައުންސިލުގައި ނޯންނަ ކަމަށް ބުނެފައެވެ. އަދި އެކަމުގައި ސަރުކާރުން މަސައްކަތްކޮށްދޭނެތޯ އޭނާ ވަނީ އަހާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އޭގައި މައިގަނޑު މައްސަލަ އައިސްފައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ރައްޔިތުންގެ މަޖިލީހުން ކެޓަގަރީކޮށްފައިވާ ގޮތުން ކަމަށާއި އެ ކެޓަގަރީގެ ތެރެއިން ކައުންސިލްތައް ހިމެނެނީ އެންމެ ދަށް ފަންތީގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މުސާރައިގެ އޮނިގަނޑު ހަދާއިރު އެކަމަށް ހައްލެއް ގެންނަން ބޭނުންފުޅުވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކުގެ މުވައްޒަފުންނަކީ އެހެން އޮފީސްތަކާ ހިލާފަށް ބަންދު ދުވަސްތަކުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. ކޮންމެ ދުވަހެއްގައި ކައުންސިލްގެ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި ކައުންސިލް މުވައްޒަފަުންނަކީ އެންމެ ބުރަކޮށް މަސައްކަތް ކުރާ އަދި ކައުންސިލްފެ މުވައްޒަފުންނަކީ އެމަނިކުފާނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެއް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް މުއިއްޒު ކައުންސިލް މުވައްޒަފުންނަކީ ގާތް ބައެއްގެ ގޮތުގައި ސިފަކުރައްވާފައި މިވަނީ ރައީސް ކަމަށް އެމަނިކުފާނު ހޮވިވަޑައިގަތުމުގެ ކުރިން މުއިއްޒު އަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އެ މަސައްކަތުގައި ހޭދަކުރެއްވި ދުވަސްކޮޅުގައި މުއިއްޒަށް ވަނީ ކައުންިސލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި މުވައްޒަފުންގެ ލޯބި ލިބިފައެވެ.
މަނަދޫ ކައުންސިލް ލުވައްޒަފުގެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، އެ ބަދަލުތައް ގެނައުމުގައި ކުރިމަތި ވަނީ ގާނޫނީ މައްސަލަތަކެއް ކަމަށާއި މަޖިލީހުގެ ތެރެއިން ގާނޫނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އެކަމަކީ އެ މަނިކުފާނު، މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ވެސް ހައްލު ކުރައްވަން މަސައްކަތް ކުރެއްވި ކަމެއް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.