މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ ފިޔާ، އަލުވި، އަދި ބިސް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ވާކަމަށާ، ރޯދަމަހަށް ހާއްސަކޮށް ގެނައި ފުރަތަމަ ޝިޕްމެންޓު މާކެޓަށް ނެރެފައިވާކަމަށް އެސްޓިއޯ އިން ބުނެފައެވެ.

އެސްޓިއޯ އިން ބުނީ މި ބާވަތްތައް ރޯދަމަހު ހުސްވިޔަނުދީ ހިފެހެއްޓުމަށް އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް މާކެޓް ސްޓޭބަލައިޒް ކުރުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، ފިޔާ، އަލުވި، އަދި ބިސް ޝިޕްމެންޓްތައް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން ފުރަތަމަ ޝިޕްމެންޓް މި މަހުގެ 28 ވަނަ ދުވަހު މާކެޓަށް ނެރެފައިވާއިރު، ބިސް، އަލުވި އަދި ފިޔާ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން، އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން ވަނީ ވިއްކަން ފެށާފައެވެ. އެސްޓިއޯ އިން ބުނީ ހޯލްސޭލްކޮށް މުދާ ދޫކުރާނީ ދެ ސަރަހައްދަކުން ކަމަށާ އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރު އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން ކަމަށެވެ.

މީގެ އިތުރުން އެސްޓިއޯ އިން ބުނީ އެ ކުންފުނިން އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓިއޯ ފިހާރަތަކުން ފިޔާ ބިސް އަދި އަލުވި ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށާ އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެސްޓިއޯއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުތަކަށް، ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ބާވަތްތައްވެސް ގެނެވޭނެކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. އަދި ބާޒާރުގައި އަގުތަށް އަރައިގެން ދާކަމަށް ފާހަގަކުރެވޭ ތަކެތި އަދި ލޯކަލީވެސް ބައެއް މުދާ ފިހާރައިން ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި ނެގޭނެކަމަށް އެސްޓިއޯއިން ބުންޏެވެ. އެގޮތުން، ލީސިންގް ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް އެސްޓިއޯ އިން މާކެޓްގައި ޒަރޫރީބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އެ ކުންފުނިން އިންޓަވީން ކުރާނެކަމަށާ އަދި އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތްވެސް ކުރާނެކަމަށެވެ.