ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދައިގެ ފަހުގެ ތާރީހަކަށް ބަދަލުކޮށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރުން ލަސްވާނަމަ އެ މައްސަލަ ކޯޓަށް ގެންދާނެ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އިންތިހާބު ފަސްކުރުމުގެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގު ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެ ބިލު އަނބުރާ ފޮނުވި ނަމަވެސް ބިލަށް އުނި އިތުރެއް ނުގެނެސް ދެވަނަ ފަހަރަށް މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ. ދެވަނަ ފަހަރަށް އެ ބިލް ފާސް ކުރީ 47 މެންބަރުންގެ ތާއީދާއެކުއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އެ ޕާޓީން ކަނޑައަޅާފައިވާ ތަރިޖަމާނު، އަހުމަދު އީސަ މިއަދު ނޫސްވެރިންނަށް ދެއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، މަޖިލީހުން ފާސްކުރާ ބިލު ތަސްދީގު ކުރުމަކީ މިހާރު ރައީސަށް އޮތް އިހުތިޔާރެއް ނޫން ކަމަށާއި ބިލު ގާނޫނެއްގެ ގޮތުގައި ޝާއިއު ކުރުން ލަސްވާނަމަ ކޯޓަށް ދާނެ ކަމަށެވެ.

އަދި ޖުމުލަ މެންބަރުންނަކީ 87 ކަމަށް ބެލި ނަމަވެސް ބިލު ފާސްކުރީ ގާނޫނު އަސާސީގައި ބަޔާން ކުރާ ގޮތުގެ މަތިން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "މި ވަގުތު ދާން ޖެހޭ ހާލަތެއް އޮތް ކަމަކަށް ނެތޭ ދެންނެވެނީ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް މިހާރު ވެސް އެބަ އޮތް، ތަސްދީގު ކުރަން ޖެހޭނެ ކަމަށް، އެހެންވިޔަސް ދާން ޖެހޭ ހާލަތެއްގައި، ބިލު ތަސްދީގު ކުރަން ދެކޮޅު ހަދާ ފަދަ ހާލަތެއްގައި، ކޯޓަށް ދާން ޖެހެއްޖެއްޔާ ކޯޓަށް ވެސް ދާނަން،" ރައްޔިތުން މަޖިލީހުގެ ކެނދިކޮޅުދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުންދާ އީސަ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ނުހިމަނާ މަޖިލީހުގެ ޖުމްލަ އަދަދު ގުންނަން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅާފައިވާއިރު އެ ބިލު ފާސްކުރީ ގާނޫނު އަސާސީއާ އެއް ގޮތަށްތޯ ސުވާލު އުފައްދަވާ ރައީސް ވަނީ އެކަމުގައި ބަންޑާރަ ނައިބުގެ އަރިހުން ލަފާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ 6 ވަނަ ދުވަހެވެ. މަޖިލީހުން ފާސް ކުރި ގާނޫނުގައި ބުނެފައިވަނީ ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ ކަމަށާއި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.