ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ 100 ޕަސެންޓު އިތުބާރު އޮތް ކަމަށް ނަޝީދު ވިދާޅުވުމުން މެންބަރުން އެކަމާ ދެކޮޅު ހައްދަވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ 100 ޕަސެންޓު އިތުބާރު އޮތްކަން ޔަގީންވެވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ރިޔާސަތަށް އިތުބާރު ނުކުރައްވާ އެއްވެސް މެންބަރަކު ނެތް ކަމަށެވެ. އަދި ރިޔާސަތުން އަމަލު ކުރަމުން ގެންދާނީ ގާނުނާއި ގަވައިދާ އެއްގޮތަކަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވުމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އީސަގެ ތާއީދު އެމަނިކުފާނަށް ނެތް ކަމަށް ވިދާޅުވެފައެވެ. އެއާއެކު ނަޝީދު ހިނިފުޅު ވަޑުވަމުން ވިދާޅުވީ އެކަމާ ހިތާމަ ކުރައްވާ ކަމަށާއި އެމަނިކުފާނަށް އީސަ ތާއީދު ނުކުރައްވަނީ އެހެން ސަބަބަކާ ހުރެ ކަމަށާއި އީސަގެ ވާހަކަ ގަބޫލު ނުކުރައްވާ ކަމަށެވެ. އީސައަކީ އެމްޑީޕީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރައްވާ މެންބަރެކެވެ.
ނިޒާމީ ނުކުތާ ނައްގަވައިގެން އެމްޑީޕީ އަދި ޕީޕީއެމްގެ މެމްބަރުން ރިފްއަަތަށް ފާޑުވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އީސަގެ އިތުރުން އެހެން މެންބަރުން ވެސް ވަނީ ފާޑުވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ބެލުމަށް އެޖެންޑާ ކުރި މިއީ 2 ވަނަ ފަހަރު ކަމަށް ވާއިރު ރިފްއަތު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައެވެ. ނަމަވެސް މައްސަލަ ކުރިއަށް ގެންދިއުމަށް މެންބަރުން އެއްބާރުލުން ނުދިނުމުން ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކާ ނުލައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. މިދިޔަ ބުދަ ދުވަހު ރިފްއަތުގެ މައްސަލައިގައި ބަހުސް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވުމާ ގުޅިގެންނެވެ.
ބަންޑާރަނައިބުގެ އިތުރުން، ރާއްޖެ މޮރިޝަސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.