ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، ނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ.

ޕީޖީން ބުނީ، އީސާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަަމަށެވެ.

އީސަގެ މައްޗަށް އުފުލި ދައުވާގެ ކުށަކީ ޖުނަހްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ އެވެ. އެހެންކަމުން، މި މައްސަލަ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް، ގޮނޑިއެއް ނުގެއްލޭނެ އެވެ.

މި މައްސަަލަ ފުލުހަށް ހުށަހަޅާފައި ވަނީ އަސްރާ އަމިއްލައަށެވެ. ފަހުން މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެ ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުން ނިންމިއެވެ. މައްސަލަ ހުށަހެޅި މީހާ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވިއަސް ޖިނާއީ މައްސަލަތަކުގައި ތަހުގީގުކުރާ އިރު، މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދެއެވެ. މި މައްސަލައިގައި އަސްރާ ފަހުން އެ މައްސަލަ ބަލަން ބޭނުން ނުވީ ކީއްވެ ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

އީސަގެ މައްސަލަ ހުށަހެޅުނު ހިސާބުން އޭނާ ހައްޔަރު ކުރުމަށް ފުލުހުން އަމުރަކަށް އެދުނު ނަމަވެސް ކުރިމިނަލް ކޯޓުން އެ އަމުރެއް ދީފައެއް ނުވެއެވެ. އީސަ ހައްޔަރުކުރަން ކޯޓުގައި އަމުރަކަށް އެދިފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރެއްވި މައްސަލާ ގައެވެ.

އަސްރާ ނަސީމް އޭނާއަށް ލިބިވަޑައިގެންނެވި އަނީޔާގެ ވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ، އަސްރާގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް ފައި ވާތީއެވެ. އަދި ތަކުރާރުކޮށް ގެވެށި އަނިޔާ އީސަގެ ފަރާތުން ލިބޭ ކަމަށް އަސްރާ ހުށަހަޅާފައި ވާތީއެވެ.

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު އީސާގެ އަނބިކަނބަލުން އަސްރާ ނަސީމް / ފޮޓޯ: ސޯޝަލް މީޑިއާ

ޕީޖީ އޮފީހުން މިމަހު 24 ވަނަ ދުވަހު ވަނީ އީސަ ހައްޔަރު ނުކުރަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމާފައެވެ. އެގޮތަށް ނިންމާފައި ވަނީ އެ މައްސަލައިގެ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމި، އެ އޮފީހަށް ހުށަހެޅުމުގެ މަރުހަލާގައި އޮތުމުން، ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައެއް ކަމަށްވުމާއި ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަވާނެތީ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި ވާތީ އާއި އެ އަމުރަށް އެދި ހުށަހެޅި އިރުގެ ހާލަތާއި، މިހާރުގެ ހާލަތު ބަދަލުވެފައި ވާތީ ކަމަށް ޕީޖީން ބުނެއެވެ.

އީސައަށް ކޮށްފައިވާ ގެވެށި އަނިޔާގެ ތުހުމަތު ކޮށްފައިވާނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އަދި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދެއްވުމަށްޓަކާ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އީސަ ނިސްބަތްވާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މަގާމުތަކުން ވެސް ވަނީ އެކަހެރި ކޮށްފައެވެ.