ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައި ދައުވާ ކުރުމަށް ޕީޖީއަށް މިއަދު ފޮނުވައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

މި މައްސަަލަ ފުލުހަށް ހުށަހަޅާފައި ވަނީ އަސްރާ އަމިއްލައަށެވެ. ފަހުން މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެ ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުން ނިންމިއެވެ. މައްސަލަ ހުށަހެޅި މީހާ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވިއަސް ޖިނާއީ މައްސަލަތަކުގައި ތަހުގީގުކުރާ އިރު، މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދެއެވެ. މި މައްސަލައިގައި އަސްރާ ފަހުން އެ މައްސަލަ ބަލަން ބޭނުން ނުވީ ކީއްވެ ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

އީސަގެ މައްސަލަ ހުށަހެޅުނު ހިސާބުން އޭނާ ހައްޔަރު ކުރުމަށް ފުލުހުން އަމުރަކަށް އެދިފައި ވެއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އެ އަމުރެއް ދީފައެއް ނުވެއެވެ. އީސަ ހައްޔަރުކުރަން ކޯޓުގައި އަމުރަކަށް އެދިފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރެއްވި މައްސަލާ ގައެވެ.

އަސްރާ ނަސީމް އޭނާއަށް ލިބިވަޑައިގެންނެވި އަނީޔާގެ ވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ، އަސްރާގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް ފައި ވާތީއެވެ. އަދި ތަކުރާރުކޮށް ގެވެށި އަނިޔާ އީސަގެ ފަރާތުން ލިބޭ ކަމަށް އަސްރާ ހުށަހަޅާފައި ވާތީއެވެ.

ޕީޖީ އޮފީހުން މިމަހު 24 ވަނަ ދުވަހު ވަނީ އީސަ ހައްޔަރު ނުކުރަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމާފައެވެ. އެގޮތަށް ނިންމާފައި ވަނީ އެ މައްސަލައިގެ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމި، އެ އޮފީހަށް ހުށަހެޅުމުގެ މަރުހަލާގައި އޮތުމުން، ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައެއް ކަމަށްވުމާއި ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަވާނެތީ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި ވާތީ އާއި އެ އަމުރަށް އެދި ހުށަހެޅި އިރުގެ ހާލަތާއި، މިހާރުގެ ހާލަތު ބަދަލުވެފައި ވާތީ ކަމަށް ޕީޖީން ބުނެއެވެ.

އީސައަށް ކޮށްފައިވާ ގެވެށި އަނިޔާގެ ތުހުމަތު ކޮށްފައިވާނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އަދި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދެއްވުމަށްޓަކާ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އީސަ ނިސްބަތްވާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މަގާމުތަކުން ވެސް ވަނީ އެކަހެރި ކޮށްފައެވެ.