އެކިއެކި ސަބަބުތަކާ ހުރެ ސިއްހީ ހިދުމަތުން ދުރުވެފައިވާ މީހުންގެ ތެރެއިން ހިދުމަތަށް އެނބުރި އަންނަން ބޭނުންވެގެން އެކަމަށް އެދި 16 މީހުން ހުށަހަޅާފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވީ ރައީސްޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ހެލްތް މިނިސްޓްރީއާ މަތިކުރެވިފައި ހުރި ވައުދުތަކުގެ ތަފްސީލްތައް ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލުމަކީ ރައީސްގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ވައުދެއްކަން ފާހަގަ ކުރައްވާ ހަލީލް އެ ސިޔާސަތު މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

އެ ސިޔާސަތު އެކުލަވާލުމަށްފަހު ސިއްހީ ހިދުމަތަށް އެނބުރި ނުކުންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި 16 މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ. އޭގެތެރެއިން އެކަކު މިހާރު ސިއްހީ ހިދުމަތަށް ނުކުމެފައިވާ ކަމަށާއި އޭނާއަށް ދާއިމީ ވަޒީފާއެއް ހަމަޖެހިފައިވާކަން ހަލީލް ވަނީ ފާހަގަ ކުރައްވާފައެވެ.

ހަލީލް ވިދާޅުވީ އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން މަސައްކަތައް އެނބުރި ނުކުންނަށް ބޭނުންވާ މީހުން މަސައްކަތައް ނުކުތުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދިވެސް އެ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތް ކަމަށާއި އެފަރާތަކަށް ފަސޭހަ ގަޑިއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ފަރާތަކުން މަސައްކަތް ކުރަން ބޭނުންވާ މުއައްސަސާއަކާ މަޝްވަރާކޮށް، މަސައްކަތަށް ނުކުންނަ ގަޑި ހަމައްސުމުގެ ފުރުސަތު ދޭނެ ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.