ރޭ މެންދަމުގެ ވަގުތެއްގައި މާލޭގެ ފިހާރައެއްގައި އަލިފާން ރޯވެ މުދަލަށް ގެއްލުން ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މ. ކޯޒީ ލޮޖްގެ ގުރައުންޑް ފުލޯގައި ހުރި ކައިޓިއަ ފިހާރައިން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ ރޭ 3:28 ގައި ކަމަށެވެ. އެ ފިހަރައިގައި އަލިފާން ރޯވެފައި ހުއްޓާ ބަޔަކަށް ފެނިގެން ރިޕޯޓް ކުރުމާ އެކު އެމްއެންޑީއެފް އިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

އެ ފިހާރަ ތަޅުލާފައި ހުރުމުން ފަޔާ އެންޑް ރެސްކިއު ޓީމުން އެ ތަނަށް ވަނީ ބިއްލޫރިގަނޑު ތަޅައިލުމަށް ފަހުއެވެ. އެމްއެންޑީއެފް ގެ މަސައްކަތުން 4:15 ހާއިރު ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި ފިހާރައިގައި ހުރި ބައެއް މުދަލަށް ގެއްލުން ލިބިފައިވާ ކަމަށާއި އެހެންނަމަވެސް ފިހާރަ ބަންދުކޮށްފައި ހުރި ވަގުތަކަށް ވުމާއެކު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.