މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް، ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާނީ 4 ގަޑިއިރު ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

އެގޮތުން ރައީސް އޮފީހުން ބުނީ ކުރިންވެސް ހަމަޖައްސަވައިފައިވާ ގޮތަށް މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 1 ޖެހުމާ ހަމައަށް ކަމަށެވެ.

ރައީސް އޮފީހުން އެގޮތަށް ހަމަޖެއްސީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 1 ޖެހުމާ ހަމައަށް ކަަމަށް މާޗް 6، 2022 ގައި ރައީސް އޮފީހުން ނިންމި ނިންމުމުގެ މަތިން ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ނިންމުމުގައި އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދޭން އަންގާފައިވާ ކަމަށެވެ.

ރަމަޟާން މަހުގެ 4 ގަޑިއިރު ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވާއިރު މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރަސްމީ ގޮތުން ވަނީ ކަނޑައަޅުއްވާފައެވެ.