މިފްކޯ ރީ-ސްޓްރަކްޗާ ކުރަންޖެހޭ ކަމަށާއި އެކަން ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހއ. އިހަވަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ 5 އަހަރު ނިމޭއިރު، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން އައިސް މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓް ކުރާ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ކުންފުނި މިފްކޯ ރީ-ސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތުގެ އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ މަސް ގަނެ ބޭރުކުރާ ކުންފުނި ކަމަށްވާ މިފްކޯ ރީ-ސްޓްރަކްޗާ ވެގެންދާއިރު (މިފްކޯގެ ހުރި މައްސަލަތައް ހައްލުވެގެންދާއިރު) މުޅި ސިނާއަތުގެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަދާ ހަމައަށް 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރައްވާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެއީ މަސްވެރިންނަށް ދޫކުރެވިފައިވާ ތެލާއި، މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި އައިސް ހިމެނޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހުރިކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައްސަލަ އެއްކޮށް ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.