ރައީސްއާއެކު ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި ހިލާޔާއި ޝަކުވާ ހުށަހެޅޭ ގޮތަށް ޕޯޓަލެއް ހަދައިފިއެވެ.

މިރޭ އިފްތިތާހު ކުރި ޕޯޓަލްގައި ސަރުކާރުގެ އެއްވެސް ކަމަކާ ގުޅޭގޮތުން ރައީސަށް ހިލާޔެއް ހުށަހަޅަން ބޭނުންނަމަ އެފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ވަނީ ފަހިކޮށްދީފައެވެ. ދެވަނަ އަށް ޕޯޓަލްގައި ދީފައި އޮތް ފުރުސަތަކީ ސަރުކާރުގެ އެއްވެސް ކަމަކާ ގުޅިގެން ރައީސަށް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދީފައި އޮތް ފުރުސަތެކެވެ.

ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގުމަށް ފަރުމާކޮށް ތައްޔާރު ކޮށްފައި ވާ ޕޯޓަލް އީގަވް ނިޒާމުން އީފާސް އިން ލޮގިން ވެގެން ބޭނުން ކުރެވެއެވެ.

އެ ޕޯޓަލްގައި ޝަކުވާ އާއި ހިޔާލު ހުށަހެޅުމަށް ފޯމެއް ދީފައި ވާ އިރު، އެމީހަކު ހުށަހަޅާ ހިޔާލާއި ޝަކުވާތައް ފެންނަން ވެސް ހުރެއެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް އަދި ސަރުކާރުގެ އޮފިޝަލުންވެސް ވިދާޅުވެއެވެ. އެގޮތުން ރައްޔިތުންނާ ގާތަށް ވަޑައިގަތުމަށްޓަކައި ސިޓީ ތަކާއި ރަށްތަކަށް ރައީސް ވަޑައިގަތުމުގެ ދަތުރުފުޅުތަކެއް ފައްޓަވާފައި ވާ އިރު "އަހާ" ނަމުގައި އާންމުކޮށް ހުޅުވާލައިގެން ފޯރަމެއްވެސް ބާއްވަމުން ގެންދެއެވެ. މި ފޯރަމްގައި ސަރުކާރުގެ ވަޒީރުންގެ އިތުރުން ރައީސްވެސް ވަނީ ބައިވެރިވެ ވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އާންމުންނާ ގާތުން ހިދުމަތް ދިނުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ބައެއް ހިދުމަތްތައް

އަދި "ރައީސްގެ ޖަވާބު" ގެ ނަމުގައި އާންމުންގެ އެކިއެކި ފަރާތްތަކުން ފޮނުވާ ވީޑިއޯ ސުވާލުތަކަށް ވެސް ރައީސް ގެންދަވަނީ ޖަވާބު ދެއްވަމުންނެވެ.

މިރޭ އިފްތިތާހު ކުރި ޕޯޓަލާއެކު ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގާތަށް ދިޔުމުގައި އިތުރު ހަރުފަތެއް ކުރިއަށް ޖެހިލައިފައި ވީ ނަމަވެސް، ނިމިދިޔަ ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުގައި ވެސް މީޑިއާތަކުން ކުރާ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނުމުގައި މަޑުޖެހިގެން ދެއެވެ. ބައެއް މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި ޖަވާބު ދެމުން ގެންދިޔަ ނަމަވެސް ބައެއް މުއައްސަސާތަކުން އިހުތިޔާރު ކުރަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "މަހޯލި" ޕޯޓަލް މެދުވެރިކޮށް ހުށަހެޅިއްޔާ ނޫނީ ޖަވާބު ނުދިނުމުގެ ސިޔާސަތެކެވެ. އެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތެއް ހޯދަން ހުށަހެޅުމުން އެ ރައްދުވާ މުއައްސަސާއަކަށް ޖަބާވެއް ނުދީ ތިބުމަށް 21 ދުވަހުގެ މުއްދަތެއް ލިބިގެން ދެއެވެ.