ގާނޫނީ ވަކީލުކަމުގެ ހުވައިކުރެއްވި 30 ފަރާތަކަށް އެ ދާއިރާގައި މަސައްކަތް ކުރުމުގެ ހުއްދަ ބާ ކައުންސިލުން ދީފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކަށް ގާނޫނީ ހުވައިލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲއެވެ. އަދި އެ ފަރާތްތަކަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ހަވާލުކޮށް ދެއްވީ ބާ ކައުންސިލްގެ ނައިބު ރައީސް މިޒުނާ އަހުމަދުއެވެ.

މި ރަސްމިއްޔާތުގައި ބާ ކައުންސިލްގެ ނައިބު ރައީސް މިޒުނާ ވިދާޅުވީ ވަކީލުންނަކީ އަދުލުވެރި، އިންސާފުވެރި، އަދި ގާނޫނީ ވެރިކަން ނެގެހެއްޓުމުގައި ޒިންމާދާރުކަމާ، މިނިވަންކަމާއެކު މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެހެންކަމުން ވަކީލުންނަކީ މަސައްކަތަށް ފަރުވާތެރި، ރަނގަޅު ސުލޫކާ އަހުލާގެއްގެ ބަޔަކަށްވުމާއެކު ދާއިރާއަށް ވަނުމުގެ ޝައުގުވެރިވާ އެހެން ފަރާތްތަކަށް ނަމޫނާއަކަށް ވާނެ ކަމަށް އުންމީދުކުރައްވާކަމަށް މިޒުނާ ވިދާޅުވިއެވެ.

އިތުރަށް މިޒުނާ ވަނީ ވަކީލުންގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ހުނަރާ ފަންނު ތަރައްގީ ކުރުމަށް މަސައްކަތްކުރެއްވުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މިޒުނާ ވަނީ ގާނޫނީ ފަންނު ކުރިއަރުވާ، ލައިސަންސިންގެ ނިޒާމަކީ ފެންވަރު ރަނގަޅު، ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަންނަ ނިޒާމަކަށް ހެދުމަށްޓަކައި ބާ ކައުންސިލުގެ ރައީސް އަލްމަރުހޫމު އިސްމާއިލް ވިޝާމް ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.