މޫސުން ގޯސްވުމާ ގުޅިގެން ގއ. ވިލިނގިލީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކެންސަލް ކޮށްފިއެވެ.

ގއ. ވިލިނގިއްޔަށް މިހާރުވެސް ބޯކޮށް ވާރޭވެހެމުންދާތީ އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ބައްދަލުކުރަން ހަމަޖެހިފައިވަނީ މާދަމާއަށެވެ.

މޯލްޑިވްސް މެޓޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވަނީ މިރޭ 22:30 އިން މާދަމާގެ 02:00 އަށް ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ވ އަތޮޅުން ފެށިގެން ގދ އަތޮޅަށެވެ. މެޓު އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި، ވިލާގަނޑުގައި ގަނޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައެވެ.

ރައީސް 4 ދުވަހުގެ މުއްދަތަކަށް އައްޑޫއަށް ކުރައްވާ މި ދަތުރުފުޅަކީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނެ ރަށްތަކަކީ އައްޑޫ ސިޓީ ގަން، ހިތަދޫ، މަރަދޫ/ފޭދޫ، ސ. ހުޅުމީދޫ، ސ. ގަން، ފުވައްމުލައްސިޓީ، ގދ. ފަރެސްމާތޮޑާ، ގދ. މަޑަވެލި، ގދ. ތިނަދޫ ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ކޮނޑޭ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި ގއ. ދާންދޫގެ އިތުރުން ގއ. ކޫއްޑޫއެވެ.

މި މަހު ކުރީކޮޅު ރައީސް ވަނީ ތ. އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ތ. ގުރައިދުއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށްވެސް ވަޑައިގެންފައެވެ.