ސިނާއީ ބަނދަރެއްގެ ގޮތުގައި ގެމަނަފުށި ބަނދަރު ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހަވީރު ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މަސްވެރިކަން ތަރައްގީކުރުމަށް ވިސްނައިގެން ގެމަނަފުއްޓަށް ތަރައްގީ ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށާއި އަދި ރަށުގެ ރައްޔިތުން އެދޭ ގޮތަށް އެރަށުގެ ބަނދަރު ތަރައްގީ ކޮށްދެއްވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ގެމަނަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވަނީ އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ މިހާރު ފަށާފައިވާ މަޝްރޫތައްވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވަމުން ދާކަމަށް ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ގައުމަށް ތަރައްގީ ގެނައުމަށް ފަސޭހަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ތަރައްގީގެ އެތައްކަމެއް މަޖިލީހުގެ މަސައްކަތްތަކާއިވެސް ގުޅިފައިވާކަން ފާހަގަކުރައްވައި އެކަންކަން ހާސިކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.
ރައީސް ގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު، އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.