ގެމަނަފުށީގައި މިހާރު ތާރު އެޅުމަށް ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން އިތުރު މަގުތަކުގައިވެސް ތާރު އަޅާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ގއ.ގެމަނަފުށީ، ހުސްނޫގޭ، ސަމީރު އަހުމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ގެމަނަފުށްޓަކީ އާބާދީ ބޮޑު ރަށެއްކަން ފާހަގަކޮށް ސަމީރު ބުނީ، އެ ރަށު ސްކޫލްގައި މަލްޓި ޕާޕޯސް ހޯލެއް މުހިންމު ކަމަށާއި އެކަން ކުރެވޭނެ ވަކި ތާރީހަކާ ގުޅޭ ގޮތުން ސުވާލު ކުރިއެވެ. އަދި ހަމައެހެންމެ އެ ރަށުގައި ތާރު އެޅުމަށް ނިންމާފައިވަނީ ފަސް މަގެއްގައި ނަމަވެސް އާބާދީ ބޮޑު ރަށެއްގެ އިތުރުން މަސްވެރިކަމަށް ވެސް މަސައްކަތް ކުރާ ރަށަކަށްވުމާއެކު ވީހާވެސް ގިނަ މަގުތަކެއްގައި ތާރު އަޅާދިނުމަށް ސަމީރު ވަނީ ރައީސްގެ އަރިހުން އެދިފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ގެމަނަފުށީ ސްކޫލްގައި މަލްޓި ޕާޕޯސް ހޯލް މި އަހަރު ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި ހަަމައެހެންމެ ރަށުގެ މަގުތަކުގައި ތާރު އަޅާއިރު މިހާރު ކަނޑައަޅާފައިވާ ފަސް މަގުގެ ބަދަލުގައި ގިނަ މަގުތަކެއްގައި ތާރު އަޅާ ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ގެމަނަފުށީ މިއީ މަސްވެރިކަމަށް ވަރަށް މުހިންމު ރަށެއް. އިގްތިސޯދީ ގޮތުން ބަލާއިރުވެސް އަދި އާބާދީ ގޮތުން ބަލާއިރުވެސް މަގު ހެދުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. މި ރަށުގައި އަޅުގަނޑުމެން ހަދަން ޖެހޭ މަގުތައް ހަދާނީ އިތުރު ކުރެވިގެން. ރަށަށް ފުރިހަމަ ފައިދާ، މިދެންނެވި ގޮތަށް މަސްވެރިކަމަށްވެސް އަދި ޖުމްލަ ގޮތެއްގައި އާންމުންނަށްވެސް ފައިދާވާ ގޮތަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެ ރަށުގެ ބަނދަރު ސިނާއީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ގއ. ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގެމަނަފުށްޓަށް ވަޑައިގެންއެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން އެދޭ ގޮތަށް އެރަށުގެ ބަނދަރު ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.