މާވަރުލު އެއާޕޯޓާއި ގައްދޫ އެއްގަމު މަގުން ގުޅާލަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ގައްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށްޓަކައި ވެސް ކުރަން ޖެހޭ މަސައްކަތްތަކެއް ހުރި ކަމަށާއި އެކަންކަން ކުރުމުގައި ދިމާވެފައި ހުރި ގޮންޖެހުންތަކަކީ ހުރިހާ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ހުއްޓުމުގައިވެސް ކުރިމަތިވެފައިވާ މައްސަލަ ކަމަށެވެ. އަދި އެއީ އެކި ކަހަލަ މަސައްކަތްތައް މީހުންލައްވާ ކުރުވުމަށްފަހު ނުދީ ހުރި ފައިސާ ހުރުމާއި އިގްތިސޯދުގެ އޮތް ބޮޑު ދަރަންޏާއި އެ ދަރަނި ދެއްކުމުގައި ހުރި ގޮންޖެހުންތައް ކަމަށާއި އެހެންނަމަވެސް އެކަން ރަނގަޅު ކުރަމުން ވަރަށް ބޮޑެތި ކުރިއެރުންތައް މިހާރުވެސް ހޯދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައްދޫގެ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް އަޅައިދެއްވާނެ ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއު ބަޖެޓުގައި މި އަހަރު ހިމެނިފައި ނެތުމުން އެކަން ފެށުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ބިން ހިއްކުމަކީ އެ ރަށުގެ ތަރައްގީއަށްޓަކައި އަދި ގެދޮރު ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ އެކަމަށް ހަގީގީ ސިފަ ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދާނެ ކަމަށާއި އެކަން ކުރެވޭނީ ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެން ކަމަށްވާތީ ވީހާވެސް އަވަހަކަށް ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އަދި އެ ރަށުގެ ކައިރީގައި އޮތް އެއާޕޯޓަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށާއި އެއާޕޯޓުގެ ތަރައްގީއަށް ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައްދޫއާއި އެ ސަރަހައްދުގެ ތަރައްގީއަށްވެސް އެއީ މުހިއްމު ކަމެއް ކަމަށާއި އެހެންކަމުން ކެމްޕެއިން ތެރޭގައިވެސް ވައުދުވެވަޑައިގެންނެވި ގޮތަށް އެ އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދީ އަދި އެއާޕޯޓާ މި ރަށާ އެއްގަމުން ގުޅާލަދެއްވާނެ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތު ކޮޅެއް ނަގި އެހެންނަމަވެސް އެ އިންތިޒާރަށް ނިމުމެއް ނެގެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ އަތޮޅުގެ ތަރައްގީއަށް ބޭނުންވާ އިތުރު ރިސޯޓުތައް ހުޅުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ ސަބަބުން ފްލައިޓްތައްވެސް ގިނަ ކުރެވި ރައްޔިތުންނަށް ބޭނުންވާ ގޮތަށް ވީހާވެސް ގިނަ ފްލައިޓްތައް އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަޖެޓުން ޖާގަ ލިބޭނަމަ ކޮންމެ މަސައްކަތެއްވެސް މި އަހަރު ތެރޭގައި ފަށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުރަށްތައް ހޯދައިދިނުމަކީވެސް މިހާރު ވަރަށް ފުޅާދާއިރާއެއްގައި ހުޅުވާލާފައި އޮތް ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ގަން އެއީ އެ ރަށުގެ ތަރައްގީއާ ހަވާލުކުރާނެ ރަށަކަށް ހަދައިދެއްވާނެ ކަމަށެވެ.