ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ކަނޑުމަތީ ސިފައިން އެރި ހާދިސާ ހިނގިގޮތް ސާފުކުރުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ނިންމި ބައްދަލުވުން ސިއްރުކޮށްފިއެވެ.
މިއަދު ހެނދުނަށް ތާވަލުކުރި ކޮމިޓީގެ މި ބައްދަލުވުމަށް، މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވެއެވެ. ކޮމިޓީން ނިންމީ މި ބައްދަލުވުމާއި ސިޓީ ސިއްރުކުރުމަށެވެ.
މިދިޔަ މަހުގެ 31 ގައި ހއ. ދިއްދޫގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ 'އަސުރުމާ 03' ނަމަކަށް ކިޔާ ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ އިތުރުން އެ ސަރަހައްދަށް ދިޔަ 'މާހޯރާ 3' އާއި 'ނިރު 7' އަށް ވެސް އިންޑިއާ ސިފައިން އެރި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓްކުރުމެއް ނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވައިފައެވެ." މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މި މަހުގެ ދެވަނަ ދުވަހު ނެރުނު ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން މި މަހުގެ ފުރަތަމަ ދުވަހުގެރޭ ދަންވަރު 12 ޖަހާކަން ހާއިރު 'މާހޯރާ 3' މަސް ދޯންޏަށް އިންޑިއާގެ ސިފައިން އަރައި ޗެކުކޮށް، އެ ދޯނީގައި ތިބި މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށް، ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ބުނެފައިވެއެވެ. އެ ޖަމިއްޔާ އިން އޭގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު 'އަސުރުމާ 3' ދޯންޏަށް އިންޑިއާ ސިފައިން އެރި އެރުން ކުށްވެރިކޮށް، އެކަން ތަހްގީގުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
މި މައްސަލައިގައި އުނގޫފާޜު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯނިފަހަރަށް ހަތިޔާރާ އެކު އެރި މައްސަލައިގައި އާންމުންނަށް މައުލޫމާތު ސާފުކޮށްދިނުމަށް ގޮވާލައްވައި ކުއްލި މައްސަލައެއް ވެސް މި މަހުގެ ފަސްވަނަ ދުވަހު ހުށަހަޅުއްވައިފައެވެ.