އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރަން ހުއްދަ ދިން ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖޭގެ ނަން ނެތް ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގައުމުން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި ވަނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ.

އެހެން ނަމަވެސް އަވަށްޓެރި ގައުމުތަކަށް ހާއްސަ ހުއްދައެއްގެ ދަށުން ފިޔާ އެކްސްޕޯޓް ކުރާނެ ކަމަށް އެ ގައުމުން ބުނެއެވެ. ނަމަވެސް އެ ގައުމުން ހާއްސަ ހުއްދައިގެ ދަށުން ފިޔާ އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ މިފަހަރު ނުހިމަނައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އެއް ގައުމު ކަމަށްވާ އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރުން ހުއްޓާލުމާއެކު ރާއްޖޭގެ މާކެޓުގައި ފިޔާގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން ބަލާއިރު ފިޔާ ކިލޯއެއްގެ އަގު 30 ރުފިޔާއާއި 40 ރުފިޔާއާ ދެމެދު އަގުތަކަށް ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އުފުލިފައެވެ. އަދި މީގެ ކުރިން 400 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާގެ އަގު ވަނީ 550 ރުފިޔާއާއި 700 ރުފިޔާ ދެމެދު އަގަކަށް ބޮޑުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން މަސައްކަތް ފެއްޓެވުމާއެކު އިންޑިއާ އާއި ރާއްޖެއާ އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.