ތިނަދޫ ސިޓީ އަކީ ހަގީގީ ފުރިހަމަ ސިޓީއަކަށް ހައްދަވައި ދެއްވާނެކަމުގެ ޔަގީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ގދ. ތިނަދޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުގެ ތަރައްގީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ ތަރައްގީގެ އެއް ނާރެސް ކަމުގައެވެ. ތިނަދޫ ސިޓީ ތަރައްގީ ކުރާނެ ގޮތް ތަފުސީލު ކޮށްދެއްވަމުން ރައީސް ވިދާޅުވީ ތިނަދޫ ސިޓީގައި ތަރައްގީކުރާ ބައިނަލްއަގްވާމީ ވައިގެ ބަނދަރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭނެ ފެންވަރަށް ތަރައްގީ ކުރާނެ ވައިގެ ބަނދަރެއް ކަމަށެވެ.
ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމަށްޓަކައި ރޭ ސޮއިކުރެވިގެން ދިޔަ ފަހުމުނާމާގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ ވައިގެ ބަނދަރަކީ 'ފެންމަތީގައި ހަދާ ތަނެއް' ކަމަށާއި، ތިމާވެއްޓާ ރަށްޓެހި ވައިގެ ބަނދަރަކަށް ވެގެން ދާނެކަމަށެވެ. މި މަޝްރޫއުގެ ތެރެއިން ފްލައިން ސްކޫލަކާއި، 12 ރިސޯޓް ތަރައްގީވެގެން ދިއުމުން ރައްޔިތުންނަށް ވަޒީފާ ލިބި މުޅި ސަރަހައްދު ކުރިއަރާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ހަމަ އެއާއެކު މި މަޝްރޫއު ގިނަވެގެން 2 އަހަރު ތެރޭގައި ނިމިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. "މި ގައުމަށް އެންމެ ރަނގަޅު ކަންކަން ކޮށްދިނުމުގައި އަޅުގަނޑުމެން އިސްކުރާނީ ރިވެތި އުސޫލު، އެ އޮންނަ ރީތި ހަމަ އާއި އިންސާފު، އެގޮތުގެ މަތިން ކުރިއަށް ދިޔައިމަ އޭގެ ހެޔޮ ނަތީޖާ ނުކުންނާނެ". ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެ މުހިންމީ ރައްޔިތުން އެދޭ ކަންކަން ކުރެވިގެން ދިޔުން ކަމަށާއި، ވަކި މީހެއްގެ ވިސްނުން ހުރި ގޮތެއް ނުބަލައި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ އުސޫލުން ކަންތައްތައް ކޮށްދެއްވުން ކަމުގައެވެ. މީގެ އިތުރުން، ސިޔާސީ ވިސްނުމެއްގައި ބޭއިންސާފުން މީހުންނާމެދު ކަންތައްތައް ކުރުން ހުއްޓުވުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ. އަދި މި ސަރުކާރު އައީ ގައުމަށް ހަމަޖެހުން ގެންނަން ކަމުގައި ވިދާޅުވެ، އެންމެން އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުމަށާއި، ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.