ނިމިދިޔަ ސަރުކާރުން ރިކަރަންޓް ހަރަދުތަކަށާއި އެނޫން ބޭނުންތަކަށް އިންޑިއާއިން ނަގާފައިވާ ލޯންތަކަށް ކުރިއަށް އޮތް 3 އަހަރު ތެރޭ 370 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް މާލީ އެޑްވައިޒަރުން ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ދިވެހި ސަރުކާރުގެ މާލީ އެޑްވައިޒަރަކު ވިދާޅުވީ، ޓީބިލާއި އެނޫންވެސް ލޯން ފެސިލިޓީ ހިމެނޭހެން ކުރިއަށް އޮތް 3 އަހަރު ތެރޭގައި އިންޑިއާ އަށް 370 މިލިއަނެއްހާ ޑޮލަރު ދިވެހި ސަރުކާރުން ދައްކަން ޖެހޭ ކަމަށެވެ. މިކަން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީންވެސް ކަށަވަރު ކޮށްދީފައި ވެއެވެ.

އިންޑިއާގެ އޮފިޝަލުން "ދަ ޕްރެސް" އަށް ވިދާޅުވީ، ރާއްޖެއިން ދައްކަން ޖެހޭ ފައިސާ ހުރި އިރު، އެކްޒިމް ބޭންކް މެދުވެރިވެގެން ރާއްޖެއަށް ދޭން އެއްބަސްވި 800 މިލިއަން ޑޮލަރުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ދޭން ޖެހޭ ފައިސާވެސް ހުންނާނެ ކަމަށެވެ. ނަމަވެސް އެއީ ޕްރޮޖެކްޓް ތަކަށް ކަނޑައަޅާފައި ހުރި ފައިސާ ކަމުން އެ ފައިސާ ދޫކުރަމުން ގެންދާނީ ޕްރޮޖެކްޓް ފަށަން ނުވަތަ ޕްރޮޖެކްޓް ހިނގަމުން ދާ ވަރަކުން ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ރާއްޖެއިން އިންޑިއާ އަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބަޖެޓުގެ ދަތިތައް ފޫބައްދަން ނުވަތަ މުސާރަ ހިމެނޭހެން ރިކަރަންޓް ހަރަދު ހަމަޖައްސަން ނެގި [އެސްބީއައި އަށް ދިވެހި ސަރުކާރުން ވިއްކި ބޮންޑަށް] ދައްކަން ޖެހޭ ފައިސާ، ދައްކަން ޖެހޭ މުއްދަތު ހިނގަމުން ދާ އިރު ދިވެހި ސަރުކާރުން މިހާރު ވަނީ 50 މިލިއަން ޑޮލަރު ހަލާސް ކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު ދެއްކި އިރު އެ ފައިސާ ސަރުކާރުން ނަގާފައި ވަނީ އެމްއޭސީއެލް އިންކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނެއް ނަގަައި އިންޑިއާ އަށް ފައިސާ ދައްކާފައިވާ އިރު، އެ ބޮންޑަށް އަދި ދައްކަން ބާކީ 100 މިލިއަން ޑޮލަރު އެބައޮތެވެ.

އެއީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019 ގައި ޓީ ބޮންޑްގެ ގޮތުގައި ނެގި 150 މިލިއަން ޑޮަލަރު (2.3 ބިލިއަން ރުފިޔާ) ގެ ބޮންޑަށް ދައްކަން ޖެހޭ ފައިސާއެވެ. ބާކީ 2 ޕޭމަންޓް އޮތް އިރު އެ ދެޕޭމަންތް ދައްކަން ޖެހެނީ އޭޕްރީލް އަދި މެއިގައެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑިއާއިން ނެގި ލޯނުތަކާއި އަދި ބޮންޑް ވިއްކައިގެން ފައިސާ ހޯދީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ކަމަށް ވިޔަސް، ބައެއް މުއާމަލާތްތަކަކީ ބަޖެޓް ސަޕޯޓަށް ދިން ފައިސާ ކަމަށް ވާއިރު އެއީ ފަހުން ހިލޭ އެހީއަށް ބަދަލުކުރާނެ ފައިސާ ކަމަށް އިންޑިއާއިން ބުނެފައި އޮތް ކަމަށާއި ނަމަވެސް އެކަން އެމަގުން ހިނގައިފައި ނުވާ ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްކި އޮފިޝަލް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އިންޑިއާގެ އޮފިޝަލުންނާ ސުވާލުކުރުމުން އަދި ކޮމެންޓެއް ލިބިފައެއް ނުވެއެވެ.

އެލްއޯސީގެ ދަށުން ފައިސާ ދޭން އެއްބަސްވެފައި ވާ ގޮތް - އެގްރީމަންޓުން ނަގާފައި

ރާއްޖޭގެ މާލީ ހާލަތު ހަމަޖައްސަން ނުވަތަ ރިކަރަންޓް ހަރަދުތަކަށް އެސްބީއައިއަށް އޭރު ވިއްކި ބޮންޑު ވިއްކާފައި ވަނީ 4.5 އިންޓަރެސްޓެ ރޭޓުގައެވެ.

ފިނޭސްގެ 2023ގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނި 3.3 ބިލިއަނަށް އަރާފައި ވާ އިރު ޗައިނާއަށް 1،118.24 މިލިިއަނަށް އަރައެވެ. އަދި އިންޑިއާގެ ދަރަނި ވަނީ 559.56 މިލިއަނަށް އަރައެވެ.

އިންޑިއާއިން ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ރާއްޖެއަށް ފައިސާ ދޫކޮށްފައި ހުރީ (އެއްބަސްވެފައި ވަނީ) 1.5 ޕަސެންޓާއި 1.7 ޕަސެންޓްގެ އިންޓަރެސްތް ރޭޓުގައެވެ. 3 ކެޓަގަރީއަަކަށް ބަހާލައިފައި ވާ އެލްއޯސީގެ ކެޓަގަރީ އެކެއްގެ ދަށުން ފައިސާ ދައްކާ ހަލާސް ކުރަން 25 އަަހަރުގެ މުއްދަތެއް ދީފައި ވާ އިރު ކެޓަގަރީ 2 ގައި ހިމެނޭ މުއާމަލާތްތަކުން ފައިސާ ދައްކަން ދީފައި ވަނީ 20 އަަހަރުގެ މުއްދަތެކެވެ. 3 ވަނަ ކެޓަގަރީގައި ފައިސާ ދައްކަން ދީފައި ވަނީ 15 އަަހުގެ މުއްދަތެކެވެ.

އޭރުގެ ސަރުކާރުން އިންޑިއާގެ ފައިސާ ނަގައި ހިންގި މަޝްރޫއުތަކާއި އެ ފައިސާ ބެހިގެން ދާ ގޮތުގެ ތަފްސީލުތަކެއް އޭރުވެސް އަދި މިހާރުގެ ފިނޭންސް މިނިސްޓްރީންވެސް ހާމައެއް ނުކުރެއެވެ. އެ ތަފްސީލުތައް ހޯދަން ފިނޭންސްގައި އެދިފައި ވީ ނަމަވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ދައުލަތުގެ ބަޖެޓް ޑެފިސިޓްގެ ގޮތުގައި 14 ބިލިއަން ރުފިޔާ މިއަހަރުގެ ނިލަޔަށް ހޯދަން ޖެހޭ އިރު ހިނގަމުން ދާ ސަރުކާރުން އިއުލާން ކޮށްފައި ވަނީ އޭގެ ތެރެއިން ބައެއް ލޯކަލް މާރޫކޭޓުން (ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިވެގެން ބޮންޑާއި، ޓީބިލް އަދި ލޯނުގެ ގޮތުގައި) ހޯދާނެ ކަމަށާއި ބާކީ ހޯދަން ޖެހޭ ފައިސާ ބައިނަލްއަގުވާމީ ބާޒާރުން ހޯދާނެ ކަމަށެވެ.