އެހެން މީހެއްގެ އަތުން ނަގާފައިވާ ދަރަނި ވީ އެންމެ އަވަހަކަށް ދައްކާ ހަލާސް ކުރުމަށް ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ ދަރަނި ދެއްކުމުގެ މުހިންމު ކަމާ ބެހޭ ގޮތުންނެވެ. އެގޮތުން ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެއްކަން ފާހަގަ ކޮށް ހުތުބާގައި ވަނީ ދަރަނި އަދާ ކުރުމަށް އަވަސްވެ ގަތުމަށް ގޮވާލާފައެވެ.

އަދި ބޮޑެތި ދަރަނިތައް ނަގާން ވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ހިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށާއި ޝަރީއަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާހިރަތް ނަގައިލެވޭ ކަމަކަށް އެ ކަން ވެގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އެ ފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ހަރަދުތައް ކުޑަކޮށް، އިގްތިސާދު ކުރުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް ކަމަށެވެ. ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ހައްގުތައް އޭގައި ހިމެނޭ ދަރަންޏަކަށްވުމުން، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެއް ކަމަށާއި އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ހުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެ ކަމަށާއި ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އަދި ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަ ވަނީ އެލުވިގެން ކަމަށާއި ދަރަނިވެރިވެ، އެ ދަރަނީން މިންޖުނުވެގެން އުޅެން ޖެހިދާނެތީ، އެ ކަމުން ރައްކައުތެރިވުމަށް އެދި ދުއާކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.