ސަރުކާރު ކުންފުނިތަކުން ކުޅިވަރު ޖަމިއްޔާތަކަށް އެހީތެރިކަން ލިބޭނެ ސިޔާސަތެއް ބައްޓަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ. ލ.ފޮނަދޫ، ޝާރާޒް، މުހައްމަދު އަނަސް ވަނީ ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުން ނުދާކަމަށް ބުނެފައެވެ.

އަދި މިފަދަ ޖަމިއްޔާތަކަކީ ކުދިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ޖަމިއްޔާތަކެއްކަން ފާހަގަކޮށް އަނަސް ވަނީ މިފަދަ ޖަމިއްޔާތަކަށް މާލީ އަދި އެހެން ކަހަލަ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައެވެ.

އަނަސްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކުޅިވަރު ޖަމިއްޔާތަކަށް އެހީތެރިކަން ލިބޭނެ ސިޔާސަތެއް ބައްޓަން ކުރައްވާނެ ކަމަށާއި، މި ކަމުގައި އެޑްރެސް ކުރުމަށް ކުޅިވަރާއި ބެހޭ ވަޒީރު މެދުވެރިކޮށް ރަށްރަށުގެ ކުންފުނިތަކާ ވާހަކަދައްކަވާނެ ކަމަށެވެ.

ކުޅިވަރު ޖަމިއްޔާތަކަކީ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާ ތަންތަނަށް ވާއިރު، މިތަންތަން ހިންގުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުންނާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެއެވެ.