އައްޑޫ ބްރިޖްއާމެދު ބައެއް ފަރާތްތަކުން ޝައްކުގެ ނަޒަރަކުން ބެލިނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ސަމާލުކަމާއެކު އެ މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ 'އައްޑޫ ސިޓީ ބްރިޖުގެ' ޕްރިލިމިނަރީ ޑިޒައިނާއި ސާވޭގެ މަސައްކަތް މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މުއްތަލިބް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އައްޑޫ ބްރިޖްގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ ގާތުން މަސައްކަތްކޮށް އެ ކަން ކުރުމަށް ޝައުގުވެރިކަން ފާޅު ކުރި ދަ އަރަބް ކޮންޓްރެކްޓާސްއާ އެއްކޮށް މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރެވިގެން ދަނީ ހަމައެކަނި ދިރާސާއެއްކޮށް ޑިޒައިންތަކެއް ހެދުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަރަބް ކޮންޓްރެކްޓާސްއިން ބޭނުން ވަނީ އެ މަސައްކަތް ނިންމާ އައްޑޫ ރައްޔިތުންނަށް އެ މަސައްކަތް ކޮށްދޭ ފަރާތަކީ އަރަބް ކޮންޓްރެކްޓާސްއަށްވުމަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމަކާ ހަމައަށް ދެވޭނީ މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ބޭނުންވާ ދިރާސާތަކާއި ޑިޒައިންތައް ހަދާ، އެ ޕްރޮޖެކްޓަށް ދާނެ ހަރަދުތައް އެނގި އެކަމަށް ބޭނުންވާ ފައިސާތައް ހަމަޖެހިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މުއްތަލިބް ވިދާޅުވީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ޕްރިލިމިނަރީ ޑިޒައިނާއި ސާވޭގެ މަސައްކަތް ނިމި، ފައިނޭންސް ހޯދުމުގެ މަސައްކަތް އަރަބް ކޮންޓްރެކްޓާސްއިންކޮށް، މި އަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ބްރިޖްގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކުރިއަށް ދާނީ ރަށު ރައްޔިތުންގެ އިތުރުން ސިޓީގެ މޭޔަރު އަދި ކައުންސިލަރުންނާ މަޝްވަރާކޮށް އެފަރާތްތަކުގެ ހިޔާލާއެކު ކަމަށެވެ.

އެ މަސައްކަތް ނިމިގެންދާއިރު ރައްޔިތުން ބޭނުންވާ ގޮތަށް އައްޑޫ ބްރިޖްއަކީ ދުރުމުސްތަގުބަލުގައި އައްޑޫއަށް ތަރައްގީއާ ކުރިއެރުން ގެނެސްދޭނެ ބްރިޖަކަށްވާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި އައްޑޫއަކީ އެހެން އަތޮޅުތަކުގެ ރައްޔިތުން ހިޖުރަކޮށް ދިރިއުޅެން ބޭނުންވާ ތަނަކަށް ބަދަލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.