ގޭގައި ކާބޯތަކެތި އުފައްދާ މީހުންގެ ދަފްތަރުގައި ރަޖިސްޓާވުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) މިއަދު ހުޅުވާލައިފިއެވެ.

ބީސީސީއިން ބުނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ކުރިއެރުވުމުގެ މަގުސަދުގައި ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުގައި ވިޔަފާރިއެއް ގޮތުގައި ރަޖިސްޓަރީ ކުރުން ލާޒިމުނުވާ ވިޔަފާރިތަކަށް ކަމަށް ބީސީސީއިން ބުނެއެވެ.

މީގެއިތުރުން މި ފުރުސަތު ހުޅުވާލާފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ގާނޫނުގެ "އެންމެ ކުދި" ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން، އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރު ކުރުމަށްޓަކައި ކަން ބީސީސީއިން ފާހަގަ ކުރެއެވެ.

އެގޮތުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ބީބީސިއިން ވަނީ އެދިފައެވެ. އަދި ބީސީސީއިން އެހެން ގޮތަކަށް އެންގުމާ ހަމައަށް ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ގޭގައި ކާބޯތަކެތި އުފައްދާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ ގޮތުން ބީސީސީއިން ވަނީ އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލާފައެވެ. އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ދަފުތަރުގައި ރަޖިސްޓާ ވެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންގެ ތެރެއިން ވަޒީފާގައި ބަޔަކު ނުގެންގުޅޭ އަދި އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި އުފައްދާ މީހުންނަށެވެ. އަދި އެ މަސައްކަތުގައި ބޭރު ބައެއްގެ ބައިވެރިވުން އޮވެގެން ނުވާނެއެވެ.