މި ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ 'އައްޑޫ ސިޓީ ބްރިޖުގެ' ޕްރިލިމިނަރީ ޑިޒައިނާއި ސާވޭގެ މަސައްކަތުގައި މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާއެކު ސޮއިކޮށްފިއެވެ.
އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓުގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.
އެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އަދި ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ ބޯޑް މެންބަރު އިންޖިނިއަރިން ހެބާ އަހުމަދު އަބޫ ލައިލާއެވެ.
އައްޑޫ ބްރިޖްގެ މަޝްރޫއަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވާއިރު އޭގެ ތެރޭގައި ޗައިނާ ކުންފުނިތައްވެސް ހިމެނެއެވެ. އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫމީދު ގުޅާލަދޭ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ސާވޭކުރުމަށް، މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މިއީ މި ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ވައުދުވެފައިވާ އެންމެ ބޮޑު މަޝްރޫއެވެ.
އައްޑޫ ބްރިޖަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ހުޅުދޫގައި ބަހައްޓާފައިވާ ބްރިޖްގެ މޮޑެލްއަށް އިޝާރާތްކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވަގުތީ މޮޑަލްއެއް ފެންނަން އޮތަސް ހުޅުދޫ-ހިތަދޫ ބްރިޖް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.