ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓްގެ ދިނުން ހުއްޓުވައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމައި އެ ދާއިމީ ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ބުނާ މީހުންގެ ލިސްޓު ކުރީ ސަރުކާރުގެ އޮފިޝަލުންނަށް ދިނުމަށް މިއަދު މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ސިއްރު ޑޮކިއުމެންޓެއްގެ ގޮތުގައި އޭސީސީގެ ހޯދުންތައް އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓު ހިއްސާ ކުރުމަށެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.
މާދަމާގެ ކޮމިޓީ ބައްދަލުވުމަށް އޭސީސީގެ އޮފިޝަލުން އެ ކޮމިޓީއަށް ހާޒިރުވާ އިރު، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އޮފިޝަލުންގެ ގޮތުގައި އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން އަދި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އާރިފް ވަޑައިގަންނަވާނެއެވެ.
ފްލެޓް މައްސަލައިގައި އޭސީސީން ހިންގި ތަހުގީގުގެ ހޯދުންތައް ހާމަ ކުރަމުން ބުނެފައި ވަނީ ގެދޮރުވެރިންގެ ސްކީމްގެ ފްލެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަނީ 4048 ފޯމް ބަލާފައި ކަމަށެވެ. އޭގެ ތެރޭގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ 20.7 ޕަސެންޓް ފޯމް ހިމެނޭ އިރު، 59.6 ޕަސެންޓް ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމްތަކެވެ. ހަމައެއާއެކު 4048 ފޯމްގެ ތެރެއިން 19.7 ޕަސެންޓް ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތައް ކަމަށް އޭސީސީން ބުނެފައި ވެއެވެ.
އޭސީސީން ބުނާ ގޮތުގައި ޝަރުތު ހަމަނުވާ ފަރާތްތައް އެ ލިސްޓުގައި ހިމްނާފައިވާ އިރު، ޝަރުތުގައި ބަޔާން ކުރާ އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރާ މާލޭގައި 15 އަހަރު ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ބުނާ ބައި ފުރިހަމަ ނުވާ ފަރާތްތައް ވެސް ލިސްޓުގައި ހިމަނާފައިވެއެވެ. އެގޮތުން ލިޔެކިޔުމުން އެ ފަރާތްތަކަކީ މާލޭގައި އެ މުއްދަތުގައި ދިރިއުޅެފައިވާ ކަން ޔަގީން ކުރެވިފައި ނުވެއެވެ.
މީގެ އިތުރުން ވެސް ޕޮއިންޓް ދިނުމުގައި ވެސް މައުލޫމާތު ޔަގީންކޮށްފައި ނުވާ ހާލަތްތައް ފާހަގަވެފައިވާ ކަމަސް ވެސް އެސީސީން ބުނެއެވެ. އެގޮތުން 18 އަހަރުން ދަށުގެ ދަރިއަކު ނެތް މީހުން، އެމީހުންގެ މައުލޫމާތު ޑިއެންއާރް އިން ބެލި ކަމުގައި ވިޔަސް 18 އަހަރުން ދަށުގެ ދަރިއަކު ނެތް ނަމަވެސް ދަރިން ތިބުމުން ލިބޭ ޕޮއިންޓް ދީފައިވެއެވެ.
މި ތަހުގީގުގެ މައްޗަށް ބިނާކޮށް އޭސީސީން ވަނީ ދާއިމީ ލިސްޓުގައި ހިމެނޭ ފޯންތަކުގެ ތެރެއިން ޝަރުތު ހަމަވެ އެއްވެސް މައްސަލައެއް ދިމާނުވާ ފޯމްތަކުގެ ލިސްޓެއް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެ ލިސްޓަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ފްލެޓް ދޫކުރުމަށް ހާއްސަ މިނިވަން ކޮމިޓީއެއް އެކުލަވާލައި އެ ފަރާތްތަކަށް ފްލެތް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.