ރާއްޖެ ބޭންކްރަޕްޓް ވެއްޖެ ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް [އެހީގެ ޕެކޭޖަށް] ދާން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ފަތުރަކީ ރާއްޖޭގެ މާލީ ނިޒާމަށް ލިބެމުން ދާ އިތުބާރު ގެއްލުވާލަން ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމަށް އިތުބާރު ގެއްލުވާލުމަށް ބައެއް ފަރާތްތަކުން ހަދަހަދައިގެން ވާހަކަ ފަތުރާކަން މިނިސްޓްރީއަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

"އެއީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް، އަދި އެއީ ސަރުކާރުން ގެންނަން ފަށާފައިވާ އިކޮމިކް ރިފޯމް އަދި މާލީ ރިފޯމްގެ ހަގީގަތް އޮޅުވާލަން ދައްކާ ވާހަކަތަކެއް" ބަޔާނުގައި ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގެ މާލީ ކަންކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ރިސޯމް އެޖެންޑާއާ އެއްގޮތަށް ތަރުތީބުން ކަމުގެ ޔަގީންކަން ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ދޭ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން އިއާދަވި މާލީ ގޮންޖެހުންތަކާ އެކުވެސް ގައުމުގެ އިގުތިސޯދު މިހާރު ހުރީ ކުރިން ހީކުރި ވަރަށް ވުރެވެސް ރަނގަޅަށް ކަމަށާއި ރާއްޖޭގެ ޑިވެލޮޕްމަންތް ޕާޓުނަރުންގެ ރިޕޯޓުތަކުގައި ބަޔާން ކޮށްފައި ވާ ހަރުދަނާ ބިންގަލުގެ މަތީގައި ކަމަށެވެ.

އެހެން ކަމުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ސަރުކާރުގެ ފަރާތުން އިނގިރޭސިބަހުން މި ބަޔާން ނެރުނު އިރު ރާއްޖޭގެ ބައެއް ސޯޝަލްމީޑިއާ އެކްޓިވިސްޓުންނާއި އިންޑިއާ އަށް ނިސްބަތްވާ ބައެއް ސޯޝަލްމީޑިއާ ހޭންޑަލްތަކުން ވަނީ، ރާއްޖެ ބަގްރޫޓުވެ އައިއެމްެއެފްގެ ބެއިލްއައުޓް ޕެކޭޖަށް ދާން މަޝްވަރާ ކުރަމުން ދާ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރު ކުރީގެ މިނިސްޓަރު އަހުމަދު މުނައްވަރު އިސްތިއުވާ ދެއްވަން އުޅުއްވާކަމަށް ވެސް ބުނެފައި ވެއެވެ.

އެވާހަކަތައް ދޮގު ކުރައްވައި މުނައްވަރު ވިދާޅުވެފައި ވަނީ، އޭނާ އާއި މާލީ ވުޒާރާ އާއި ސަރުކާރާ ބެހޭގޮތުން ފަތުރަނީ ދޮގު ވާހަކަ ކަމަށެވެ.