ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ކުރިއަށް ގެންދާ، ކްރިއޭޓާސް ކޮންފްލުއެންސް ފަށައިފިއެވެ.

މިއަދު ހެނދުނު 10:00ގައި، ނޭޝަނަލް އަޓް ގެލެރީގައި ފެށި މި ކޮންފުލުއެންސް މިރޭ 10:00އާ ހަމައަށް ކުރިއަށްދާނެއެވެ. ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މި ކޮންފުލުއެންސްގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ދާއިރާގެ ތަޖްރިބާކާރުން ދަނީ ބައިވެރިވެ ހިޔާލާއި މަޝްވަރާ ދެމުންނެވެ.

މި ކޮންފުލުއެންސަކީ، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީ އެއް ނުވަތަ ފަންނުވެރި އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހިމެނުމާ، ބީސީސީން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ، "ކްރިއޭޓާ ހަބް"ގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރިންގެ ހިޔާލާއި މަޝްވަރާއާއެކު ގާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާ ގުޅިގެން ބީސީސީގެ އިސްނެގުމުގެ މަތިން ބާއްވާ ބައްދަލުވުމެކެވެ.

ބީސީސީ އިން ބުނީ ފުރިހަމަ ފަންނުވެރި އިގްތިސާދެއް ބިނާކުރެވޭނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެވިގެންކަމުގައިވާއިރު މިފަދަ ކޮންފުލުއެންސްތައް ވެގެންދާނީ މި ދާއިރާއަށް ބޮޑެތި ކުރިއެރުން ގެނުވުމަށް މަގުފަހިވެގެންދާނެ ކަމަކަށެވެ. ބީސީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ކޮންފުލުއެންސް ތަކާއި ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުން ކަމަށްވެސް ވަނީ ބުނެފައެވެ.

"ކްރިއޭޓާ ހަބް" އަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓާ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާ، ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށެވެ.

ބީސީސީން ގާއިމްކުރާ ކްރިއޭޓާ ހަބް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23ގައެވެ. މި އިމާރާތުގެ މަސައްކަތް މިހާރު ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި ގާއިމުކުރުމަށް ނިންމާފައިވާ ކްރިއޭޓާ ހަބް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.