ޖަލުގައި ހުއްޓާ މަރުވި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީގެ މަރަކީ މިނިވަން ކަމަށްޓަކައި މަސައްކަތް ކުރާ ރަޝިއާގެ ރައްޔިތުންނަށް ލިބުނު ހިތާމައެއް ކަމަށާއި އޭނާގެ މަރުން އެނގެނީ ރައީސް ޕުޓިން އަކީ "މޯންސްޓާ" އެއް ކަމަށް ކެނެޑާނެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

މޯންސްޓާ އަކީ، ބިޔަކޮށް ބޮޑުކޮށް ހުތުރުކޮށް ހުންނަ ހިޔާލީ ޖަނަވާރަކަށް ކިޔާ އުޅޭ ނަމެކެވެ.

ޓްރޫޑޯ އެއްވަރު ކުރެއްވީ ޕުޓިން އާއި ޖަނަވާރަކާއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ނަވާލްނީގެ މަރުން އެނގެނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރާ ކޮންމެ މީހަކު ނައްތާލުމުގައި ޕުޓިން، ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަން ކަމަށާއި އެ ކަމުން ދޭހަވެގެން ދަނީ ޕުޓިންގެ ނުލަފާ ކަމާއި ނުރައްކާތެރިކަން ކަމަށެވެ.

ނަވާލްނީގެ މަރުގެ ވާހަކަ އިއްޔެ އާންމު ކުރި އިރު ދުނިޔޭގެ ލީޑަރުން ވަނީ އެކަމުގެ ޒިންމާ ރަޝިއާއާއި ޕުޓިންގެ އިސްތަށިފުޅުގައި އަޅުވާފައެވެ. ރަޝިއާގެ އެންމެ ހަތުރު އެއް ގައުމު ކަމަށް ވާ އެމެރިކާއިން ވެސް ބުނެފައި ވަނީ ނަވާލްނީގެ މަރުގެ ޒިންމާ ރަޝިއާއިން އުފުލަން ޖެހޭނެ ކަމަށެވެ.

އުމުރުން 47 އަހަރުގައި މަރުވި ނަވާލްނީ އަކީ ޕުޓިން އާ ދެކޮޅަށް ރަޝިއާގައި ރައްޔިތުން އެއްކޮށް ބޮޑެތި އެއްވުންތައް ބޭއްވުމުގައި ކާމިޔާބު ހޯދި ލޯޔަރެކެވެ. ރަޝިއާގެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ނަވާލްނީ ފެނިގެން ދިޔަ ހިސާބުން، ކޮރަޕްޝަނާއި ފަސާދަ ހިންގަން އުޅުން ފަދަ ތުހުމަތުތައް ކޮށް އޭނާ ހައްޔަރު ކުރިއެވެ. އޭގެ ފަހުން ދައުވާ އުފުލައި ޖަލުގައި ގެންގުޅެމުން ގޮސް ވިހައެއް ދީ މަރާލަންވެސް މަސައްކަތް ކުރިއެވެ. އެހާދިސާއަށް ފަހު ޖަރުމަނުވިލާތުން ފަރުވާ ހޯދައިގެން އެނބުރި ރަޝިއާ އަށް ދިޔަ ތަނުން އަލުން ހައްޔަރު ކޮށް އުދުލި ދައުވާތަކަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވާ މަރުވި އިރު އޭނާ ހުރީ އާކްޓިކްގެ އެކަހެރި ޖަލެއްގައެވެ.

ރަޝިއާގެ އޮފިޝަލުން ބުނެފައި ވަނީ އޭނާ މަރުވީ ހިނގާލަށް ނިކުމެ އުޅެފައި އައި ފަހުން ކުއްލިއަކަށް ކަމަށެވެ. އަދި މަރުގެ ސަބަބަކީ ލޭ ކޮޅެއް ގަނޑުވެފައި ހުރުން ކަމަށް ވެސް ބުނެފައި ވެއެވެ.