ކެނެޑާ އަކީ އެގައުމުގެ ރައްޔިތުން ފިޔަވައި ދެން އުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އިންޑިއާ މީހުން ދިރިއުޅޭ ގައުމެވެ. ކެނެޑާގެ އާބާދީގެ 3.7 ޕަސެންޓަކީ އިންޑިއާ މީހުންނެވެ.
މިލިއަނަކާ ގާތް ކުރާ އިންޑިއާގެ އާބާދީއެއް އޮތް ކެނެޑާގެ އިންތިހާބުތަކަށް އިންޑިއާ އިން ނުފޫޒު ފޯރުވާ ކަމަށް އެގައުމުން ބުނުމާއެކު އިންޑިއާއިން ވަނީ ރައްދު ދޭން ފަށާފައެވެ.
ކެނެޑާގެ ސްޕައި އެޖެންސީން އާންމު ކުރި ރިޕޯޓެއްގައި ބުނީ 2019 އާއި 2021 އާ ދެމެދު އޮތް އާންމު އިންތިހާބުގައި އިންޑިއާ އާއި ޕާކިސްތާނުން ނުފޫޒު ފޯރުވާފައި ވާ ކަމަށެވެ.
ކެނެޑާގައި ޕާކިސްތާންގެ 303 ހާސް މީހުން ދިރިއުޅެއެވެ.
މި މައްސަލައިގައި ޕާކިސްތާނުން އެއްޗެއް ބުނެފައި ނުވިނަމަވެސް އިންޑިއާއިން ބުނީ، ކެނެޑާއިން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަނީ ކެނެޑާ ކަމަށެވެ. އެގޮތުން އިންޑިއާގެ ދާއިލީ ކަންކަމުގެ ތެރެއަށް ކެނެޑާ ވަންނަ ކަމުގެ ތުހުމަތު ކޮށްފައި ވެއެވެ.
އިންޑިއާ އާއި ކެނެޑާ އާ ދެމެދު ދެބަސްވުމެއް މި އުފެދުނީ އިންޑިއާއިން ޓެރަރިސްޓެއް ކަމަށް ކަނޑައަޅާ އަތުލައިގަންނަން ބޭނުންވި ހާލިސްތާންގެ އިސް މެންބަރަކު މީގެ ދުވަސްކޮޅެއްގެ ކުރިން ކެނެޑާގައި މަރާލި މައްސަލައިގައި އިންޑިއާގެ ބައިވެރިވުން އޮތް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައި ވަނިކޮށެވެ. އޭގެ ފަހުން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މީހުންގެ ވިސާ ހިފެހެއްޓުން ފަދަ ކަންކަން ކޮށްފައި ވާ އިރު އިންޑިއާއިން ވަނީ އެގައުމުގައި ތިބޭ ކެނެޑާގެ ޑިޕްލޮމޭޓުން މަދުކުރަންވެސް އަންގާފައެވެ. އެ މައްސަލަ ކުޑަކޮށް ފިނި ވި ވަގުތު މި އުފަންވި މައްސަލައިގެ ސަބަބުން އަނެއްކާވެސް އިންޑިއާ ރުޅިގަދަވާނެ ކަމަށް މުރާސިލުން ބުނެއެވެ.
ކެނެޑާއިން އިންޑިއާއާއި ޕާކިސްތާނަށް ތުހުމަތުކޮށް ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، ކެނެޑާގެ އިންތިހާބީ ބައެއް ދާއިރާތަކަށް ކުރިމަތިލި ބައެއް ކެންޑިޑޭޓުންނަށް މަންފާ ވާނެ ގޮތަށް ފައިސާ ބޭނުން ކޮށްގެން ވަކިގޮތަކަށް ވޯޓު އެނބުރުމަށް މަސައްކަތް ކޮށްފައި ވާ ކަމަށެވެ.
ކެނެޑާގެ ގާނޫނު ހަދާ މަޖިލީހާއި އިސް ބައެއް މަގާމުތަކާއި އިންތިހާބީ ބައެއް މަގާމުތަކުގައި އިންޑިއާ ދަރިކޮޅުގެ މީހުން އެބަތިއްބެއެވެ. އެމީހުން ކެނެޑާއިން ވަޒަންވެރިކަން ހޯދާ މީހުނާ އިނދެ ދަރިން ހޯދާ ބޮޑު އާބާދީއެއް ބިނާ ކޮށްފައި ވާ އިރު ކެނެޑާގެ ސިޔާސީ މައިދާނުގެ ތެރެއަށް ތިބީ ގަދަކޮށް ވަދެއެވެ.