ކެނެޑާ އަކީ ގައުމުން ބޭރުގައި އިންޑިއާގެ ރައްޔިތުން އެންމެ ގިނައިން ދިރިއުޅޭ އެއް ގައުމަށް ވާއިރު އެގައުމުގައި އޮތް އިންޑިއާ ދަރިކޮޅުގެ ހަރަކާތެއްގައި ބޮޑުވަޒީރު ޓްރޫޑޭ ބައިވެރިވެޑައިގަން މައްސަލަ ހޫނުވެއްޖެއެވެ.

އުތުރު އިންޑިއާގައި އޮންނަ ދަރިކޮޅުގެ މީހުން ފާހަގަ ކުރާ 'ވައިޝާކީ' [ދަނޑުވެރިކަމުގެ ފެސްޓިވަލް] ގެ ހަރަކާތެއް ކެނެޑާގައި ކުރިއަށް ދިޔަ އިރު، އިންޑިއާ ސަރުކާރާ ވަކިވެގަތުމަށް މަސައްކަތް ކުރާ ކާލިސްތާން ތަމްސީލުވާ ގޮތަށް ޓްރޫޑޭ ވާހަކަ ދެއްކެވި ކަމަށް އިންޑިއާއިން ބުނެއެވެ. އަދި އެއީ ވަކިވެގަތުމާއި ނަސްލީ ހަމަނުޖެހުމަށް ހިތްވަރުދިނުން ކަމަށާއި ކެނެޑާގެ އެ އަމަލުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ދުރުވަމުން ދާ ކަމަށް އިންޑިއާ އިން ބުނެފައި ވެއެވެ. އަދި ކެނެޑާއިން އެ އުފަން ކުރަނީ ހަމަނުޖެހުމަށް ހިތްވަރުދޭ ޖަމާއަތެއް ބަލައިގަތުމަށް ކަމަށާއި އެއީ ކެނެޑާގައި އުޅޭ އިންޑިއާގެ އެންމެހާ ރައްޔިތުންނަށާއި ކެނެޑާގެ ރައްޔިތުންނަށް ވެސް ނުރައްކާ ވާނެ ކަމެއް ކަމަށް ދެކޭ ކަމުގައި ވެސް އިންޑިއާ ބުނެއެވެ.

މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން އިންޑިއާ އިން ވަނީ ނިއު ދިއްލީގައި ހުންނަ ކެނެޑާ އެމްބެސެޑަރުގެ ނައިބު އިންޑިއާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފައެވެ.

މި މައްސަލަ ފެންމަތިވެގެން މިއައީ ޖޫން 2023 ގައި ކެނެޑާގައި މަރާލި ކާލިސްތާންގެ އެިސް ލީޑަރު މަރާލުމުގައި އިންޑިއާގެ އެޖޭންޓުން ބައިވެރިވެފައި ވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޭ ވިދާޅުވުމުން އުފެދުނު ނުތަނަވަސްކަމަށް ފިނިކަމެއް ނާންނަނީހެވެ.

ހަރްދީޕް ސިންގް ނިއްޖާރު ކިޔާ ކާލިސްތާން ލީޑަރު މަރާލީ އެ ދަރިކޮޅުގެ ގިނަ ބަޔަކު ދިރިއުޅޭ ކެނެޑާގެ ވެންކޫވާގައި ހުންނަ ފައްޅިއެއްގެ ކައިރީގައި އޭނާ ހުއްޓާ ބަޑިޖަހައެވެ.

ވަކިވެ ގަތުމަށް މަސައްކަތް ކުރާ ކާލިސްތާނަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ބައިގިނަ ޖަމާއަތެކެވެ. އެމީހުން އިންޑިއާ ސަރުކާރާ ވަކިވެ ޕާކިސްތާން ގޮތަށް ކާލިސްތާން ހެދުމުގެ ނިޔަތުގައި ވަކި ހަރަކާތެއް ފެށީ 1970 ގައެވެ.