ސިއްހީ ދާއިރާގައި ދިމާވާ ކަންކަން ޝާއިއުކުރާ މެޑިކަލް ޖާނަލްއެއްގައި ބުނާ ގޮތުން އުމުރުން 73 އަހަރުގެ ފިރިހެނަކު، ޖިންސީ ޣަރީޒާ ފުއްދަން ކުޑަކަމުދާ ނިޒާމަށް ބެޓެރި ލައްވައިގެން އުޅެކޮށް ތާށިވެ ފަރުވާ ދޭން ޖެހިއްޖެއެވެ.

އޮސްޓްރޭލިއާގައި ހިނގާފައި ވާ މިހާދިސާގެ ވާހަކަ ތަފްސީލު ކުރަމުން ޖާނަލްގައި ބުނެފައި ވަނީ، އެ މީހާ އަކީ އާންމުކޮށް ފޮރިން އޮބްޖެކްޓްސް [އެކިއެކި ގޮތްގޮތުން ހަށިގަނޑަށް ވަންނަ ނުވަތަ ބޭނުން ކުރާ ދުނިޔަވީ އެއްޗެހި] ބޭނުން ކުރާ މީހެއް ކަމަށާއި، ޖިންސީ ޣަރީޒާ ފުއްދުމަށް އޭނާ 3 ބެޓެރި ބޭނުން ކޮށްފައި ވާ ކަމަށެވެ.

ކުޑަކުޑަ ބަޓަނެއްގެ ސައިޒުގެ 3 ބެޓެރި އޭނާގެ ކުޑަކަމުދާ ނިޒާމަށް ލައްވައިގެން އުޅެޅިކޮށް މާ ފުނަށް އެ ވަދެ ތާށިވި ކަމަށާއި އެކަމާ ހުރެ އެމަޖެންސީގައި އެޑްމިޓްކޮށް ބެޓެރި ނެގުމަށް ނުރައްކާތެރި ސާޖަރީތަކެއް ކުރަން ޖެހުނު ކަމަށް ބުނެފައި ވެއެވެ.

މިއީ ސިއްހީ ދާއިރާގައި ރިޕޯޓު ކުރި މިބާވަތުގެ ފުރަތަމަ ކޭސް ކަމަށް ޖާނަލްގައި ބުނާ އިރު، ޖިންސީ ޣަރީޒާ ގެ ވާހަކަތަކަކީ އާންމުކޮށް ދައްކަން ލަދުވެތި ވާހަކަތައް ކަމުން މި ފަދަ ހާދިސާތައް ހިނގާފައި ހުރި ނަމަވެސް ރިޕޯޓް ކޮށްފައި ނުވާކަމަށް ބުނެއެވެ.

އަނބިފިރި ކަމުގެ ގުޅުމުގައި ވެސް އާންމުކޮށް ދިމާވާ އެއް މައްސަލައަކި ޖިންސީ ޣަރީޒާ އާ ގުޅޭ މައްސަލަތައް ކަން ފާހަގަ ކޮށް އެކިއެކި ސްޓަޑީތައް ހަދާފައި ވާ އިރު، ޖިންސީ ޣަރީޒާއަށް އުފައްދާފައި ހުންނަ މިފަދަ ބެޓެރީތަކާއި އެކިއެކި ޑީވައިސްތަކާއި ބޭސްތަކާއި ސްޕްރޭތައް ބާޒާރުގައި ހުރެއެވެ. ނަމަވެސް އެފަދަ ކޮންމެ ވަސީލަތަކީ އެއިން ސިއްހީ ގިނަ މައްސަލަތައް ދިމާވާ ވަސީލަތްތައް ކަމަށް ވާއިރު އުމުރަށް އަންނަ ބަދަލާއެކު ޖިންސީ ޣަރީޒާ ފުއްދުމުގައި ދިމާވާ ގޮންޖެހުންތަކަކީ ތަބީއީ ކަމެއް ކަމަށް ސްޓަޑީތަކުގައި ފާހަގަ ކޮށްފައި ހުރެއެވެ.

މިހާދިސާ ދިމާވި މީހާގެ ހާލަތު ގޯސްވެ ބެޓެރީ ނަގަން އޮަޕަރޭޝަން ކުރަން ޖެހުނު އިރު، ސްޓަޑީގައި ބުނާ ގޮތުން އޭނާގެ ގުނަވަނަށް ލިބުނު ގެއްލުން ނުވަތަ ޒަހަމްތައް ރަނގަޅު ކުރުމަށް އަދި އިތުރު 3 ސާޖަރީ ހަދަން ޖެހެއެވެ. މި 3 މަރުހަލާއަށް 6 މަސް ދުވަހުގެ މުއްދަތު ނަގާނެ ކަމަށާއި މިހާރު ލިބިފައި ވާ ގެއްލުން އެއްކޮށް ފޫބެއްދުމަށް ގޮންޖެހުންތައް ހުރި ކަމަށް ވެސް ބުނެފައި ވެއެވެ.