މީގެ ހަތްވަރަކަށް އަހަރުކުރިން ތަޖުރިބާކާރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އޭނާ އާ ފިލްމެއް ލޯންޗްކުރިއެވެ. އެ ފިލްމުގެ ނަމަކަށްވެގެންދިޔައީ "ލަސްވިޔަސް" އެވެ. މި ފިލްމު އިއުލާންކުރީ ޓެޑްރީގެ ކާމިޔާބު ފިލްމް "އަމާނާތް" އަށް ނަވާރަ އަހަރު ފުރި ސިނަމާގައި އެ ފިލްމު އެޅުވި ރެއެވެ. އެއީ 2017 ވަނަ އަހަރެވެ. އެ ފިލްމު ޖެހިގެން އައި އަހަރު 2018 ވަނަ އަހަރު ސިނަމާތަކަށް ގެންނަން ތާވަލްކުރި ނަމަވެސް އެ އަހަރު ފިލްމުގެ މަސަައްކަތް އެއްކޮށް ނުނިމޭތީ ފިލްމު އެޅުވޭ ގޮތް ނުވިއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ކޮވިޑްގެ ވަބާ ދުނިޔެއަށް ފެތުރުމާ ގުޅިގެން ފިލްމީ މަސައްކަތްތައް އެއްކޮށް ހުއްޓުނެވެ. އެއާއެކު ޓެޑްރީގެ "ލަސްވިޔަސް" ގެ މަސައްކަތްވެސް ހުއްޓުނެވެ. ނަމަވެސް މިއަހަރު މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެންނާނެ ކަން ކަށަވަރެވެ. ފިލްމު ރިލީޒްކުރާ ތާރީޚް އިއުލާންކޮށް ދާދިފަހުން ވަނީ ފިލްމުގެ ޓްރެއިލާ ވެސް އާންމުންނާ ހަމައަށް ގެނެސްދީފައެވެ.
ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ނެރެން ތައްޔާރުވެފައިވާ މި ފިލްމުގެ ޓްރެއިލާގެ ކޮންމެ މަންޒަރަކުން ވެސް ފެންނަނީ އަޖައިބެވެ. ފިލްމުގެ ޓްރެއިލާ އިން ފެނިގެންދިޔަ މަންޒަރުތައް ވަރަށް ޗާލެވެ. ފިލްމު އެހާ ހިތްގައިމު ވާނެ ކަން ޔަގީނެވެ. ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި އަލިއަޅުވައިލާފައިވާއިރު އެ ހުރިހާ ރަހަތަކެއް ފިލްމުގެ ޓްރެއިލާއިން ވެސް ފެނިގެންދިޔައެވެ.
މަޝްހޫރު ފިލްމު ދެރިޔާ، އަމާނާތް، ހުޅުކޮޅު އަދި ބިތުފަންގި 2 ވެސް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ޓެޑްރީ އަކީ ގައުމީ ފެންވަރުގައި އެންމެ މޮޅު ޑައިރެކްޓަރު، ސްކްރީންޕްލޭ ރައިޓަރު އަދި ޕްރޮޑިއުސަރުގެ އެވޯޑުވެސް ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ. ޓެޑްރީ ޓޯކީސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮޑަކްޝަން ހައުސް އަކީ އެޓާނަލް ޕިކްޗާސް އެވެ. އަހްމަދު ނާސިރު، އިބްރާހިމް ރަޝީދު އަދި ޓެޑްރީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ.
ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންއެވެ. އޭގެ އިތުރުން އަހުމަދު އީސާ (އާނަންދު) އަދި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ. ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުން ފެނިގެންދާއިރު އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. އަދި ޒޯޔާ ކުޅޭނީ ހަމްރާ ކެރެކްޓާއެވެ. ފިލްމުގެ ޓްރެއިލާ އާއެކު ވަނީ ފިލްމުގެ ލަވައެއްވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. އެއީ ލަވަކިޔުންތެރިޔާ އާނިޔާ ގެ ހިތްގައިމު އަޑުން ކިޔާފައިވާ "ދުނިޔެ" މި ލަވައެވެ. އަހުމަދު ޝަކީބުގެ ލިރިކްސް އަކަށް ލަވައިގެ މިއުޒިކް ހަދާފައިވަނީ އިކްރާމް އާއި ބާސިތު އެވެ.