ހިޔާ ފްލެޓުތަކުގައި އިތުރު 32 ލިފްޓު ހަރުކުރަން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނެފައިވާ ގޮތުގައި ހިޔާ ފްލެޓު ތަކުގައި އިތުރު 32 ލިފްޓު ހަރުކުރަން ނިންމާފައިވަނީ ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ދަތިކަން ހައްލުކޮށްދިނުމަށްޓަކައެވެ. އެގޮތުން ލިފްޓަށް އެރުމަށްޓަކައި އޮންނަ ކިއު ކުޑަވެ، ލިފްޓުގެ އިންތިޒާރުގައި ހުންނަން ޖެހޭ ވަގުތު މަދުވެގެން ދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން އެޗްޑީސީއިން ބުނީ ހިޔާ ފްލެޓުގައި ލިފްޓުގެ ކިއު ދިގުވުމާއި ގިނަ ވަގުތު މަޑު ކުރަން ޖެހުގެ ޝަކުވާ ގިނަބަޔަކު ކޮށްފައިވާ ކަމަށާއި މި މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެޗްޑީސީއިން ބުނީ މި މަސައްކަތް ކުރުމަށްޓަކައި ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން ބެހެއްޓޭ 32 ލިފްޓަކީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެއްކަމަށްވެސް ވަނީ ބުނެފައެވެ.

މި މަސައްކަތް މިިހާރު ފެށިފައިވާކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ އެއް އަހަރު ދުވަސް ތެރޭ 32 ލިފްޓު ހަރުކޮށް ނިމޭނެ ކަމަށާއި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމަށެވެ.