ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއިއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސާއި ދުބާއީގެ ވެރިޔާ ބައްދަލުކުރައްވާފައި ވަނީ ވޯލްޑް ގަވަމެންޓްސް ސަމިޓް 2024 ގެ ހަވާސާގައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ރައީސް މުއިއްޒުއާއި ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދާ ދެމެދު ވަނީ ދެގައުމުގެ މަސްލަހަތު ހިމެނޭ އެތައް ކަމެއްގެ މަޝްވަރާކޮށްފައެވެ. އެގޮތުން އެ ގައުމާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުންތައް ފުޅާ ދާއިރާއެއްގައި ގާއިމުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުން ހިމެނެއެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ދެ ގައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައެވެ.

ޔުނައިޓެޑް އަރަބިސް އެމިރޭޓްސްގެ (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ޒަމާނުގައި އެފިޝެންސީ އިތުރުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ޖެހޭނެ ކަމަށާއި، އެ މަނިކުފާނުގެ އަމާޒަކީ ޒަމާނީ އެފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، އިންވެސްޓަރުން ގަޔާވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓާ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.