ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމްގެ މަރާމަތަށް ވަރަށް ގިނަ ފަހަރު އެދިފައިވާކަމަށާއި އެހެންނަމަވެސް ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވިކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިއްޔެ އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަލީ ނިޒާރު ވިދާޅުވީ މި ސްޓޭޑިއަމްއަކީ ފާއިތުވި 10 އަހަރުވެސް އެއްވެސް މަރާމާތެއް ކޮށްފައިވާ ތަނެއް ނޫންކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ވަރަށް ގިނަ ފަހަރު ސްޓޭޑިއަމް ވީރާނާވިޔަ ނުދީ މަރާމާތުކުރުމަށް އެދިފައިވާކަމަށެވެ. " މި ސްޓޭޑިއަމްގައި ފާއިތުވި 10 އަހަރު ދަވާދުކޮޅެއް ހާ މިންވަރުވެސް އުގުޅާފަކައެއް ނެތް. ނިމިގެން ދިޔަ ސަރުކާރުގައި އެތައް ފަހަރަކު އެކަމަށް އެދުނިން. މިއީ އައްޑޫއަށް ލިބިފައިވާ އަގުބޮޑު މުދަލަކަށްވާއިރު މި ތަން ވީރާނާވުމަށް ދޫނުކޮށް މިތަން މަރާމާތުކުރުމަށް. އެހެންނަމަވެސް މިދިޔަ ސަރުކާރުގެ ދައުރު ނިމުނީ މިތަނަށް އެއްވެސް ކަމެއް ނުކޮށްކަން ހިތާމައާއި އެކު ފާހަގަކޮށްލަން" ނިޒާރު ވިދާޅުވިއެވެ.

އިތުރަށް ނިޒާރު ވިދާޅުވީ އައްޑޫގައި އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތް ބޭއްވުމަށް ތައްޔާރުވަމުން ދިޔަ އިރު ސަރުކާރުން ވަރަށް އަވަހަށް މި މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. "އަޅުގަނޑު މި ފުރުސަތުގައި ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށާއި ސްޕޯޓްސް މިނިސްޓަރަށް ޝުކުރު ދަންނަވަން" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމުގެ އާބާތުރަފިލުވައި، ސްޓޭޑިއަމް މަރާމާތުގެ މަސައްކަތްތައް ކޮށްފައިވާއިރުސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އެ ސްޓޭޑިއަމުގެ ފުރާޅުން ފެން ލީކުވުމުގެ މައްސަލަ ހައްލަކޮށް، ކުލަލުމުގެ އިތުރުން އިމާރާތުގެ އެތެރެއަށް ފެން ލީކުވާ މައްސަލަ ހައްލަކޮށް، ފެން އެޅުމުގެ ސަބަބުން ހަލާކުވެފައިވާ ސީލިންގްތައް ވަނީ މަރާމާތުކޮށްފައެވެ.