އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
އިއްޔެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވާ ގޮތުން މަރަދޫފޭދޫ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓުގެ 76 ގޯއްޗެވެ. އެއީ މަރަދޫފޭދޫ އަވަށުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ދޫކުރާ 68 ގޯތީގެ އިތުރުން އައްޑޫ ސީޓީގެ އެހެން މީހުންނަށް ދޫކުރާ 8 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މަރަދޫ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓުގެ 175 ގޯއްޗެވެ. އެއީ މަރަދޫ އަވަށުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ދޫކުރާ 158 ގޯތީގެ އިތުރުން އައްޑޫ ސީޓީގެ އެހެން މީހުންނަށް ދޫކުރާ 17 ގޯތިދޫކުރުމަށް ހަމަޖެހިފައި ވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުސޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭތަކެތި ޖޫން 24، 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަކަށް ކައުންސިލުން ވަނީ އެދިފައެވެ.
އައްޑޫ ސިޓީގެ ދެ އަވަށަކުން ގޯތި ދޫނުކުރާތާ 26 އަހަރު ފަހުން، 2023 ވަނަ އަހަރު ޖަނަވަރީ މަހު އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 4،052 ގޯތި ދޫކުރުމަށް ހުޅުވާލިއިރު، ފުރަތަމަ މަރުހަލާގައި ޖުމްލަ 1000 ގޯތި ވަނީ ދޫކޮށްފައެވެ. އެހެންނަމަވެސް ދެވަނަ މަރުހަލާގެ ގޯތިތައް އަދިވެސް ދޫކޮށްފައިނުވާއިރު މިކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.