ކާޑުތަކުގެ ލިމިޓަށާއި ޑޮލަރުގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނެއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ ޑޮލަރު ނެގޭ ލިމިޓް 225 އަށް ބަދަލުކުރުމަށްފަހު ހާލަތަށް ބަދަލު ނައިސްފި ކަމަށްވަނީ ނަމަ 25 އަށް ތިރިކުރަން ރާވާފައިވާ ކަމަށް ބުނެ ބައެެއް މަސްދަރުތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން އެކަން ދޮގުކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.
އަދި އެފަދަ ނިންމުމެއް ނުނިންމާނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން އެ މިނިސްޓްރީއަށް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. "ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލާ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނެއުމަށް މި މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބޭންކް އޮފް މޯލްޑިވްސް އިން ގުޅިގެން ދަނީ މަސައްކަތް ކުރަމުން" ފިނޭންސްގެ ބަޔާނުގައި ވެއެވެ.
އަދި ހަމައެހެންމެ ރާއްޖޭގެ މާލީ އިގްތޮސާދުގެ ހާލަތު ރަނގަޅުކޮށް ދަރަނީގެ ހިރާސްތައް ކުޑަކޮށް ބޭރު ފައިސާ ލިބުން ފަސޭހަ ކުރެވޭނެ މަގުތައް ފަހު ކުރުމަށް ސަރުކާރުން ކެނޑިނޭޅު މަސައްކަތް ކުރަމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިވާ ހުރި މާލީ ދަތި ތަކުން އަރައިގަނެ ރާއްޖޭގެ އިގްތިސޯދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ޔަގީންކަން އއެ މިނިސްޓްރީން ވަނީ ދީފައެވެ.
އަދި މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ ހަބަރުތައް ނުފެތުރުމުގެ އިތުރުން ޒިންމާދާރު ކަމާއެކު ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުރިހާ މީޑިއާ ތަކަށް ގޮވާލާފައެވެ.
ބީއެމްއެލް ކާޑުތަކުން މިހާރު ބޭރުގެ ވިޔަފާރު ކުރުމަށް ޑެބިޓް ކާޑު ބޭނުން ކުރެވެނީ މަހަކު 250 ޑޮލަރު ކަމަށްވާއިރު ކްރެޑިޓް ކާޑު ލިމިޓަކީ 750 ޑޮލަރެވެ. އަދި ޑޮލަރު ތާށިކަން ބޮޑުވެފައިވާ ވީނަމަވެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް އެ ކުއްޖެއްގެ ކާޑުުން 1200 ޑޮލަރު ނެގޭ ގޮތަށް އިތުރުކުރުމަށް ނިންމިއެވެ.