މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ (އެމްއޭސީއެލް) ގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޔޫ މަނިކު ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުކަމަށާއި އެ ލިޔުން ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ޕީސީބީ އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލްގެ ބޯޑާ 2013 ވަނަ އަހަރު ގުޅިވަޑައިގެން އެމްޔޫ މަނިކު މި މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ 10 އަހަރު ހިދުމަތް ކުރެއްވުމަށްފަހުއެވެ. އޭނާ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ ވީއައޭގައި އުސޫލާއި ހިލާފަށް ކަންކަން ކުރަމުންދާ ކަމަށާއި ކުންފުނިން ވަކިކޮށްފައި ތިބި މީހުން އަނބުރާ މެނޭޖްމެންޓަށް ގެންނަ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޕީސީބީ އިން ބުނެފައިވަނީ އެމްޔޫ މަނިކު މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފައްޓަވައިދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަށްވާއިރު، އެއީ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަންވެސް މެއެވެ. އެގޮތުން އޭނާ އަކީ ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލްކުރާ އެސޯސިއޭޝަން، މަޓީގެ ކޯ ފައުންޑާއެވެ.